ފިނިޕޭޖް

އެެންޖެލީނާގެ ތުހުމަތުތަކަށް ބްރެޑް ރައްދުދޭނީ ކޯޓުގައި: ވަކީލު

އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ ވަރީގެ މައްސަލަ އާއި ބެހޭގޮތުން 2016 އިން ފެށިގން އެކި ފަހަރު މަތިން އެކި ވާހަކަތައް ފެތުރިފައިވެއެވެ.

މިގޮތުން މި ދެ ތަރިން ވަރިވުމަށް ހުށަހެޅިއިރު އެންމެ ބޮޑަށް ދެކެވިގެން ދިޔައީ މި ދެ ތަރިންގެ ދަރިންނާއެކު 2016 ގައި ދަތުރުކުރި މަތިންދާ ބޯޓުމަތީގައި ބްރެޑް ޕިޓް ރަލުގެ މަސްތުގައި ހުރެ، އެންޖެލީނާއަށް ހަޅޭއްލަވާ، އަނިޔާކުރަން އުޅުމުން އެކަން އެއް ކުއްޖަކު ހުއްޓުވުމަށް މަސައްކަތް ކުރި ވަގުތު އެ ކުއްޖާ ބާރަށް ކޮށްޕާލި ވާހަކަ އެވެ. މި ވާހަކަތައް އޭރު ބްރެޑް ޕިޓް ދޮގުކުރި އެވެ.

އަލުން މި ވާހަކަތައް ފެންމަތިވީ މި ދެ ތަރިންގެ ނަމުގައި ފްރާންސްގައި އޮތް ވައިނެރީއެއްގެ ޝެއާތައް ބްރެޑަށް ނާންގާ އެންޖެލީނާ ވިއްކާލުމުން، ބްރެޑް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މިކަމުގެ ރައްދުގައި އެންޖެލީނާ ވަނީ ބްރެޑް ޕިޓާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ. މިމަހުގެ ހަތަރުވަނަ ދުވަހު އޮތް މިމައްސަލައިގެ އަޑުއެހުމެއްގައި ޖޮލީ ވަނީ ބްރެޑް ޕިޓް އެންޖެލީނާގެ ބޮލުގައި ހިފާ ތަޅުވަނިކޮށް، އެ ދެ ތަރިންގެ ހަ ދަރިންގެ ތެރެއިން ދެ ކުއްޖަކު އެކަން ހުއްޓުވުމަށް މަސައްކަތްކުރި ކަމަށް ބުނެފަ އެވެ. އަދި އެ ކުދިންނާ ދިމާލަށް ބްރެޑް ދިއުމުން، ކުދިންގެ ދިފާއުގައި ބްރެޑް ދުރުކުރުމަށް ފަހަތުން އޭނާގެ ގައިގައި ޖޮލީ ހިފި ކަމަށެވެ. އެ ވަގުތު ބްރެޑް ފަހަތަށް ވެއްޓިގަތުމުން އެންޖެލީނާގެ އުޅަބޮށްޓާއި ބުރަކަށި ސީޓްތަކުގައި ޖެހި އަނިޔާވެފައިވާ ކަމަށާއި ކުދިން އަނެއްކާ އެންޖަލީނާ ސަލާމަތްކުރުމަށް ދިއުމުން، މި ކަންތައް ގަނޑު ނިމިފައިވަނީ ބްރެޑް އެއް ކުއްޖެއްގެ ކަރުގައި ހިފާ އަދި އެނެއް ކުއްޖާ ގައިގައި ޖެހުމަށް ފަހުގައި ކަމަށްވެސް އެންޖެލީނާ ތުހުމަތުކޮށްފައިވެ އެވެ.

މީގެ ކުރިން އެންޖެލީނާގެ ތުހުމަތުތައް އެފްބީއައި އަދި ލޮސް އެންޖަލިސް ކައުންޓީ ޑިޕާޓްމަންޓް އޮފް ޗިލްރަން އެންޑް ފެމިލީ ސާވިސަސް އިން ތަހުގީގުކޮށް، ބްރެޑް ޕިޓްއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވަނީ ނިންމާފަ އެވެ.

ބްރެޑް ޕިޓްގެ ވަކީލު އޭން ކައިލީ ބުނީ ބްރެޑް އޭނާއަށް ކުރެވިފައިވާ ގޯސް ކަންތައްތަކަށް ފުރަތަމަ ދުވަހުން ފެށިގެންވެސް އެއްބަސްވާ ކަމަށާއި އެކަމަކު ޖޮލީ އެއްވެސް ކަމަކަށް އެއްބަސް ނުވާ ކަމަށެވެ. ބްރެޑް ނުކުރާ ކަމަކަށް އެއްބަސް ނުވާނެ ކަމަށްވެސް އޭން ބުންޏެވެ.

"ބްރެޑް އަށް ހުރިހާ ގޮތަކުން ޕާސަނަލް އެޓޭކް ކޮށްފައިވޭ. އަދި ހަގީގަތާއި ކަންތައްތައް އޮޅުވާލާފައިވޭ. ނަސީބަކުން ވޭތުވެ ދިޔަ ހަ އަހަރުގެ ތެރޭގައި އެންޖެލީނާ، ބްރެޑް އާ ދެކޮޅަށް ބޭނުންކުރަން އުޅުނު ސަރުކާރުގެ މުވައްސަސާތަކުން މި މައްސަލަ މުސްތަގިއްލުކޮށް ތަހުގީގުކޮށް ނިންމުންތައް ނިންމާފައިވޭ. ބްރެޑް ހުރިހާ ކަމަކަށް ކޯޓުގައި ޖަވާބުދާރީ ވާނެ. މިހާތަނަށް ކުރަމުން އައި ގޮތަށް،" އޭން ބުންޏެވެ.

ބްރެޑް ޕިޓްގެ އެންމެ ފަހުގެ ފިލްމް "ބުލެޓް ޓްރެއިން" މިދިޔަ އޮގަސްޓް މަހު ރިލީޒްކުރި ދުވަސްވަރު، 2016 ގައި ހިނގި މިމައްސަލައާއި ގުޅިގެން ދީފައި އޮތް ތަހުގީގު ބަޔާނުގެ ބައިތައް "ލީކު" ކޮށް ބްރެޑް ޕިޓް، އެންޖެލީނާ އަށާއި ކުދިންނަށް އަނިޔާކުރިއޭ ކިޔާ، އަޑު ފެތުރި އެވެ. ބައެއް މީހުން ދެކެނީ މިއީ ބްރެޑް ޕިޓްގެ އަގު ވައްޓާލުމަށާއި ބްރެޑްގެ ފިލްމަށް ގެއްލުން ދިނުމަށް ކުރި ކަމެއްގެ ގޮތުގައެވެ.