ޓެސްލާ އަދި ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކް ޓްވީޓަ ގަތުމަށް އޭޕްރީލްގައި ހުށަހެޅި އެވެ. އެއީ ހިއްސާއަކަށް 54.20 ޑޮލަރުގެ މަގުން ޖުމުލް 44 ބިލިއަން ޑޮލަރަށެވެ.
އީލޮން މަސްކް މިހާ ބޮޑު އަގަކަށް ޓްވީޓާ ގަތުމުގައި އޮތީ ކޮން ބޭނުމެއްތޯ ގިނަ މީހުން ސުވާލުކުރި އެވެ. އަދި އެއަށް ވުރެ ބޮޑު ހައިރާންކަމެއް ލިބުނީ ޓްވީޓާ އަކީ އޭނާގެ ވިޔަފާރިއާ އެއްވެސް ގުޅުމެއް ނެތް ދާއިރާއަކަށް ވުމެވެ.
ޓްވީޓާ ގަތުމަށް އީލޮން މަސްކް ހުށަހެޅުއްވުމުން އެންމެ ބޮޑަށް ޕްރެޝަރު ކުރިމަތިވެ ވަޑައިގަތީ ނުފޫޒު ގަދަ ވިޔަފާރިވެރިންގެ ފަރާތުންނެވެ.
ސައޫދީ އަރަބިއްޔާގެ ޕްރިންސް ވަލީދު ބިން ތަލާލް ކުރިން ވިދާޅުވި ގޮތުގައި ޓްވިޓާގެ ހައިބަތަށް ބަލާއިރު މަސްކް ހުށަހަޅުއްވާފައިވަނީ މާކުޑަ އަގެކެވެ. އަދި ޓްވިޓާގެ ހިއްސާދާރެއްގެ ހައިސިއްޔަތުން އެ އަގު ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ޓްވީޓާގައި ވަލީދު ބިން ތަލާލްގެ ހިއްސާ އަކީ 5.2 ޕަސެންޓެވެ.
އީލޮން މަސްކް ޓްވިޓާ ބައްލަވައިގެންފި ނަމަ ޓްވިޓާ މިހާރު އެއޮތް ހާލުގައި ވެސް ނޯންނާނެ ކަމަށް މައިކްރޮސޮފްޓްގެ ވެރިޔާ ބިލް ގޭޓްސް ވިދާޅުވި އެވެ.
ބިލް ގޭޓްސްގެ ނަސޭހަތަކަށް ވެފައި އޮތީ ޖެހުނުހާ ކަމަކަށް އިންވެސްޓް ކުރުމަށް ވުރެ އިންސާނިއްޔަތަށް ފައިދާ ހުރި ކަމަކަށް އިންވެސްޓްކުރުމެވެ.
އީލޮން މަސްކް ޓްވީޓާ ގަތުމަށް ހުށަހެޅުއްވުމާ އެކު ހިއްސާގެ އަގުތައް އުފުލުނެވެ. އަދި މަޝްހޫރު ވިޔަފާރިވެރިންގެ މަސްހުނި ކޮމެންޓްތަކާ ގުޅިގެން ހިއްސާގެ އަގު ފަހުން ވެއްޓުނެވެ.
ޓްވިޓާ ގަތުމުން މާލީ ގޮތުން އީލޮން މަސްކްއަށް އޮތް ފައިދާއާށް ވުރެ ބޮޑަށް މިނިވަންކަމުގައި ޓްވީޓާ ދޫކޮށްލެއްވުމަށް އޮތް ވިސްނުން ބޮޑެވެ. އޭނާ ވިދާޅުވި ގޮތުގައި ޓްވީޓާ އަމިއްލަ ކުރެއްވުމަށްފަހު ބަންދުކޮށްފައި ހުރި އެކައުންޓްތައް ހުޅުވާލައްވާނެ އެވެ.
އެހެންނަމަވެސް، ޓްވީޓާ ގަތުމަށް ކުރެއްވި މަސައްކަތްތަކަށް އީލޮން މަސްކް ވިދާޅުވި ގޮތުގައި ޓްވީޓާގެ މެނޭޖްމަންޓުން އެއްބާރުލުން ނުދިނުމުގެ ސަބަބުން އޭނާ ހުއްޓާލެއްވި އެވެ.
އީލޮން މަސްކް މިގޮތަށް ނިންމެވުމުން ޓްވީޓާގެ މެނޭޖްމަންޓުން އޭނާ ގޮވައިގެން ކޯޓަށް ދިއުމަށް ހުށަހެޅި އެވެ.
ކޯޓު ތެރޭގައި މައްސަލައާ ބެހޭ ގޮތުން ރަނގަޅަށް ބަހުސް ކުރެއްވުމަށް އީލޮން މަސްކްގެ ޓީމުން މަޝްހޫރު ލޯ ފާމެއް ވެސް ކުއްޔަށް ހިފި އެވެ.
ޚަބަރުތަކުގެ ބޮޑު ސުރުހީގައި މިހާރު އަނެއްކާ ވެސް އޮތީ ކުރިން އޮތް އަގަށް ޓްވީޓާ ގަތުމަށް އީލޮން މަސްކް ހުށަހެޅުއްވި ވާހަކަ އެވެ. އަދި ޓްވީޓާއިން އެކަން ގަބޫލުކުރި ވާހަކަ އެވެ.
މިގޮތަށް ނޫހަށް އަރާ ކޮންމެ ހަބަރަކާ ގުޅިގެން ހިއްސާގެ އަގު އުފުލެ އެވެ. އީލޮން މަސްކްގެ ދެން އޮތް ޓްވީޓަކީ ހިއްސާގެ އަގުތަކަށް އެ ނޫން ބަދަލެއް އަތުވެދާނެ ޓްވީޓަކަށް ވެސް ވެދާނެ އެވެ.