ފިނިޕޭޖް

ސާ ރިޑްލީ ސްކޮޓްގެ "ނަޕޯލިއަން"

Oct 9, 2022

އިނގިރޭސިވިލާތުގެ ޕްރޮޑިއުސާ އަދި ޑައިރެކްޓަރު ސާ ރިޑްލީ ސްކޮޓްގެ ހަޔާތުގައި މިހާތަނަށް ހަދާ އެންމެ އެމްބިޝަސް ފިލްމަކީ "ނަޕޯލިއަން" ކަމަށް ބުނުމުން ދޮގަކަށް ނުވާނެ އެވެ.

ތާރިހީ ފިލްމެއް ކަމުގައިވާ "ނަޕޯލިއަން" ފިލްމް ބިނާކޮށްފައިވަނީ ފްރާންސްގެ ޖެނެރަލް އަދި އެމްޕެރާ ނަޕޯލިއަން ބޮނަޕާޓޭގެ ހަޔާތަށެވެ.

މި ފިލްމުގައި ނަޕޯލިއަން ރޭންކުތަކުން އަރަމުންގޮސް އެމްޕެރާ އަކަށްވާ ގޮތާއި އޭނާގެ އަންހެނުން އެމްޕްރެސް ޖޯސެފީންއާ ދެމެދު އޮތް މައްސަލަ ބޮޑު ގުޅުން ދައްކައިދޭނެ އެވެ.

ނަޕޯލިއަންގެ ހަޔާތަށް ބަލާއިރު، އޭނާއަކީ ފްރާންސްގެ ގޮނޑުދޮށާއި ކައިރީ އޮންނަ ކޯސީކާއަށް އުފަން މީހެކެވެ. 1769 ގައި ނަޕޯލިއަން ދުނިޔެއަށް އައި އަހަރު، މިނިވަންކޮށް ކުރިން އޮތް ކޯސީކާ، ފްރާންސުން ވަނީ ހިފާފަ އެވެ.

ނަޕޯލިއަންގެ އާއިލާއިން ވަނީ ކޯސީކާގެ މިނިވަންކަމަށް ހަނގުރާމަކޮށްފަ އެވެ. ނަޕޯލިއަން ފްރެންޗް ބަސް ދަސްކުރަން ފެށީ އުމުރުން 10 އަހަރު އެވެ. އޭގެ ކުރިން ނަޕޯލިއަން ވާހަކަދައްކަމުން އައީ ކޯސީކަން އަދި އިޓަލީ ބަހުންނެވެ.

ދަށް ރޭންކުގެ އޮފިސަރެއްގެ ގޮތުގައި މިލިޓަރީއާ ގުޅުމަށްފަހު، މޮޅު ސްޓްރެޓެޖީތަކަކާއެކު އޭނާގެ ގާބިލިއްޔަތު ދައްކާ، ރޭންކުތަކުން އަރަމުން ދިޔަ އެވެ.

"ނަޕޯލިއަން އަކީ އަހަރެން އަބަދުވެސް ވަރަށް ފެޝިނޭޓްވާ މީހެއް. އޭނަ އައީ ކޮންތާކުން ކަމެއް ނޭނގެ، އެކަމަކު ފަހުން ހުރިހާ ތަނެއްގައި ރަސްކަންކުރި. އެކަމަކު ނަޕޯލިއަން މިހުރިހާ ކާމިޔާބީއެއް ހޯދަމުން ދިޔައިރު، އޭނާގެ ބޭވަފާތެރި އަނބިމީހާ ޖޯސެފީން އާ ލޯބީގެ ހަނގުރާމަ ކުރަމުން ދިޔަ. ނަޕޯލިއަން ދުނިޔެ ހިފީ ޖޯސެފީންގެ ލޯބި ހޯދުމަށް. އެ ލޯބި ނުލިބުމުން ޖޯސެފީން ހަލާކުކުރަން އުޅުމުގެ ތެރެއިން އަމިއްލައަށް ހަލާކުވެ ދިޔައީ،" ރިޑްލީ ސްކޮޓް ޑެޑްލައިންއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

މި ފިލްމުގައި ނަޕޯލިއަންގެ ރޯލް އަދާކުރާނީ އޮސްކާ އަދި އެހެނިހެން އެވޯޑްތައް ހޯދާފައިވާ ހޮއެކިން ފީނިކްސް އެވެ.

ރިޑްލީ ބުނީ "ޖޯކާ" ކުޅުނު ހޮއެކިން ފަދައިން "ޑާކް އެންޑް ޓްރަބަލްޑް" ކެރެކްޓާސް އެހެން މީހަކަށް ނުކުޅެވޭނެ ކަމަށެވެ. ރިޑްލީއާ އެކު ހޮއެކިން ވަނީ "ގްލޭޑިއޭޓާ" ގައި މަސައްކަތްކޮށްފަ އެވެ. ޖޯސެފީންގެ ރޯލް އަދާކުރަނީ "ދަ ކްރައުން"ގައި ޕްރިންސަސް މާގަރެޓްގެ ރޯލް އަދާކުރި ވެނެސާ ކާބީ އެވެ.

ރިޑްލީ ސްކޮޓްގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "އޭލިއަން"ގެ ފިލްމްތައް، "ބްލޭޑް ރަނާ"، "ތެލްމާ އެންޑް ލުއީޒް"، "ޖީއައި ޖޭން" އަދި "ހެނިބަލް" ހިމެނެ އެވެ.

ރިޑްލީ އަކީ އެކި ޒަމާނުގެ އެކި ގައުމުތަކާއި ތިމާވެށި ފިލްމުތަކުގައި ވަރަށް ފުރިހަމައަށް ދޭހަކޮށްދޭ، އެވޯޑް ލިބިފައިވާ ޑައިރެކްޓަރެކެވެ. މިގޮތުން "އެކްސޮޑަސް: ގޯޑްސް އެންޑް ކިންގްސް" ގައި މޫސާގެ ފާނުގެ ޒަމާން، "ގްލޭޑިއޭޓާ"ގައި ދެވަނަ ގަރުނައިގެ ރޯމް، "ކިންގްޑަމް އޮފް ހެވަން" ގައި 12 ވަނަ ގަރުނައިގެ ޖޭރޫސަލަމް، "ރޮބިންހުޑް"ގައި މިޑީވަލް އިންގްލަންޑް، "ބްލެކް ހޯކް ޑައުން" ގައި ފަހު ޒަމާނުގެ މޮގަދީޝޫ އަދި "އޭލިއަން ފިލްމް" ތަކުގައި ފިއުޗަރިސްޓިކް ދުނިއެއެއް ގެނެސްދެ އެވެ.