ކުޅިވަރު

ޕެޑްރީގެ ގޯލުން މޮޅުވެ ބާސެލޯނާ އަލުން އެއްވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ 0-1 އިން ސެލްޓަ ވީގޯ ބަލިކޮށް ބާސެލޯނާ ލީގުގެ އެއްވަނަ އަށް އަލުން ޖެހިލައިފި އެވެ.

ރޭގެ މެޗަށް ނުކުތްއިރު އެއްވަނައިގައި އޮތީ ހޮނިހިރު ދުވަހުގެ ރޭ 0-1 އިން ގެޓާފޭ ބަލިކުރި ރެއާލް މެޑްރިޑެވެ. ރެއާލް އާއި ބާސެލޯނާ އަށް ވެސް 22 ޕޮއިންޓް ލިބިފައިވާއިރު ބާސެލޯނާ އެއްވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯ އަށް 17 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 16 ޕޮއިންޓެވެ.

ރޭގެ މެޗުގެ ހަމައެކަނި ގޯލު 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ 19 އަހަރުގެ ޕެޑްރީ އެވެ. މިއީ ޒުވާން މިޑްފީލްޑަރު ގަވީ ނަގައިދިން ހުރަހަކުން ޕެޑްރީ ޖެހި ލަނޑެކެވެ. ޕެޑްރީ ލީގުގައި ދެ ގޯލު ޖަހާފައިވާއިރު ފުރަތަމަ ގޯލު ޖެހީ ރެއާލް ވަލަޑޮލިޑްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

މެޗުގައި ސެލްޓަ ވީގޯގެ އިއާގޯ އަސްޕާސް ފޮނުވާލި ހަމަލާއެއް ބާސެލޯނާގެ ގޯލްކީޕަރު މަތަކުރިއިރު އޭގެފަހުން އެޓީމުގެ ގޮންސާލޯ ޕެސިއެންސިއާ ޖެހި ބޯޅަ އަމާޒުވީ ދަނޑިއަށެވެ. އަނެއްކޮޅުން ބާސެލޯނާގެ ފެރާން ޓޮރޭސް ފޮނުވާލި ހަމަލާއެއް ގޯލު ކައިރިން ބޭރަށް ދިޔައިރު ރަފީނިއާ އާއި ރޮބާޓް ލެވަންޑޯސްކީގެ ހަމަލާތައް ސެލްޓަ ވީގޯގެ ގޯލްކީޕަރު ވަނީ މަތަކޮށްފަ އެވެ.

ބާސެލޯނާ އިން ފޯމު ދަމަހައްޓަމުން އަންނައިރު އަށް މެޗުގެ ތެރެއިން އެޓީމު ވަނީ ހަތް މެޗުން މޮޅުވެފަ އެވެ. އެއް މެޗު އެއްވަރުވިއިރު އަމިއްލަ ދަނޑުގައި ކުޅުނު ހަތަރު މެޗު ވެސް އެޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ.

ރަނގަޅު ފޯމު ބާސެލޯނާއިން ދެމެހެއްޓުމުގައި އެޓީމުގެ ޑިފެންސް އަންނަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ. ފުރަތަމަ އަށް މެޗު ނިމުނުއިރު އެޓީމު ކޮޅަށް ވަނީ އެންމެ ގޯލެކެވެ.
ލީގު ފޯމު ރަނގަޅު ނަމަވެސް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ތިން މެޗުގެ ތެރެއިން ދެ މެޗުން ބާސެލޯނާ ވަނީ ބަލިވެފަ އެވެ. އަނެއް ބުރަށް ދިއުމަށް ބާސެލޯނާ އިން ބާކީ މެޗުތައް ކާމިޔާބުކުރަން މިހާރު ވަނީ މަޖުބޫރުވެފަ އެވެ.