ސިއްހީ ދާއިރާއާއި ގުޅުންހުރި ދިރާސާތައް ކުރުމަކީ ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށްޓަކައި މިއަދު ކޮންމެހެން ކުރުން މުހިންމު ކަމެއް ކަމުގައި ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަސީމު މިހެން ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާއާއި ގުޅޭ މުހިންމު މައުލޫމާތާއި ދިރާސާތައް ހިމެނޭ "ކޮމްޕޮންޑިއަމް އޮފް ހެލްތު ރިސާޗް އިން މޯލްޑިވްސް"ގެ ނަމުގައި ނެރުނު ފޮތް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގަ އެވެ.
މިނިސްޓަރު ވިދާޅުވީ ދިރާސާތަކުގެ އަލީގައި ހޯދޭ ހޯދުންތަކުގެ ޒަރިއްޔާއިން ބަލިތަކުން ފަރުވާ ހޯދޭނެ ގޮތްތަކާއި، ރައްކާތެރިވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކުގެ އިތުރުން ފުރިހަމަ ސިއްހަތަކަށްޓަކައި އަމަލުކުރަންވީ މުހިއްމު ގޮތްތައް އެނގިގެންދާތީ ދިރާސާކުރުން މުހިއްމު ކަމަށެވެ.
ރާއްޖޭގެ ސިއްހީ ހިދުމަތްތައް އިތުރަށް ރަގަޅުކުރާނެ ގޮތްތައް ދިރާސާތަކުގެ އަލީގައި ހޯދޭއިރު، މިފަދަ މައުލޫމާތުތަކުގެ އަލީގައި ސިއްހީ ދާއިރާއަށް ބޭނުންވާ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ކަޑައެޅުމަށް ފަސޭހަ ވެގެންދާ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.
ނަސީމު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރުއެރުވުމުގެ ގޮތުން ހެލްތު މިނިސްޓްރީން އެތައް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އަމާޒަކީ ސިއްހީ ދާއިރާއާއި ގުޅުންހުރި ދިރާސާތައް ކުރެވޭ މިންވަރު އިތުރުކޮށް ސިއްހީ ދިރާސާތައް ކުރުމަށް ފަހިވެއްޓެއް ގާއިމުކުރުން ކަމަށެވެ.
"ސިއްހީ ދިރާސާކުރުމުގައި ގާބިލް ބޭފުޅުން ރާއްޖޭގައި އެބަތިބި. މި ދާއިރާ ކުރިއެރުވުމަށްޓަކައި ހެލްތު މިނިސްޓްރީއާ އެކު ރާއްޖޭގެ ޔުނިވަސިޓީތަކާއި ކޮލެޖްތަކާއި ޕްރައިވެޓް ސެކްޓަރުތަކުން ގުޅިގެން މަސައްކަތްކުރުން މުހިއްމު،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ނަސީމު ވަނީ ރާއްޖޭގެ މާހައުލަށް ބޭނުންތެރި ދިރާސާތައް އިތުރުކޮށް، ފުރިހަމަކޮށް އެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވުމަށްވެސް ދިރާސަކުރައްވާ ބޭފުޅުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.