މިނިސްޓްރީ އޮފް ހެލްތު

ރާއްޖޭގެ ސިއްހީ ދިރާސާތައް އެކުލެވޭ ފޮތެއް ނެރެފި

ރާއްޖޭގެ ސިއްހީ ދާއިރާއާ ގުޅުންހުރި މުހިއްމު ދިރާސާތަކުގެ މައުލޫމާތު ހިމެނޭ ފޮތެއް ހެލްތް މިނިސްޓަރު އަހްމަދު ނަސީމް މިއަދު ނެރެދެއްވައިފި އެވެ.

"ކޮމްޕެންޑިއަމް އޮފް ހެލްތް ރިސާރޗް އިން މޯލްޑިވްސް"ގެ ނަމުގައި ނެރެފައިވާ މި ދިރާސާފޮތުގައި 2018 ވަނަ އަހަރާއި 2021 ވަނަ އަހަރައި ދެމެދުގެ ސިއްހީ ދިރާސާތައް ހިމަނާފައިވެ އެވެ.

މި ފޮތުގައި 30 އަށް ވުރެ ގިނަ ސިއްހީ ދިރާސާތަކުގެ އެބްސްޓްރެކްޓް ހިމަނާފައިވެ އެވެ. މީގެ ތެރޭގައި ބަލިތަކުން ރައްކާތެރިވުމާއި، ބަލިތަކަށް ފަރުވާދިނުމާއި، ރާއްޖޭގެ ސިއްހީ ހިދުމަތްތަކަށް އަލިއަޅުވާލައިގެން ހެދިފައިވާ ދިރާސާތައް ހިމެނެ އެވެ. އަދި ކޮވިޑް-19 އާ ގުޅޭގޮތުން ފާއިތުވި ދެ އަހަރުގެ ތެރޭގައި ހަދާފައިވާ ދިރާސާތަކުގެ މައުލޫމާތުވެސް ހިމެނެ އެވެ.

މި ފޮތުން ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ކުރެވިފައިވާ ސިއްހީ ދިރާސާތަކުގެ މައުލޫމާތު އެއްފޮތަކުން ލިބިގެންދާއިރު މިފަދަ ފޮތެއް ނެރުމުގެ ސަބަބުން ސިއްހީ ދިރާސާކުރާ ބޭފުޅުންގެ މަސައްކަތް ވަނީ ގައުމީ ފެންވަރުގައި ދައްކާލެވިފަ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވިދާޅުވީ ސިއްހީ ދާއިރާ އާއި ގުޅުންހުރި ދިރާސާތައް ކުރެވޭ މިންވަރު އިތުރުކޮށް ސިއްހީ ދިރާސާ ކުރުމަށް މަގުފަހިވާ ވެއްޓެއް ރާއްޖޭގައި ގާއިމުކުރުމަކީ އެ މިނިސްޓްރީގެ އަމާޒެއް ކަމަށެވެ.

"މިއަދު މި ނެރެވޭ ކޮމްޕެންޑިއަމް އޮފް ހެލްތް ރިސާރޗް އިން މޯލްޑިވްސް އަކީ އަޅުގަޑުމެންގެ އަމާޒަށް ވާސިލްވުމަށްޓަކައި އެޅޭ މުހިއްމު ފިޔަވަޅެއް. އަދި މިއީ މިހާ ގިނަ ސިއްހީ ދިރާސާތަކެއް އެއްކުރެވިގެން މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މިފަދަ ފޮތެއް ނެރޭ ފުރަތަމަ ފަހަރު." ނަސީމު ވިދާޅުވި އެވެ.