މޯލްޑިވްސް ޕޮލިސް ސާވިސް

މިންހާޖު ހޯދަން 8،000 މީޓަރުގެ ސަރަހައްދެއް ފީނައިގެން ބަލައިފި

Oct 10, 2022

ބަންޑުން ޖަހާލި ލޯންޗުން ގެއްލިފައިވާ ސ. ހިތަދޫ، މިންހާ, މުހައްމަދު މިންހާޖު ހޯދުމަށްޓަކައި އއ. ފެރިދޫގެ ހުޅަނގު ފުއްޓަރު ފަރާތު ކަނޑުގެ ސަރަހައްދަށް ޑައިވްކޮށްގެން 8،573 މީޓަރުގެ ސަރަހައްދެއް ބަލައިފި އެވެ.

ފުލުހުން ބުނީ މިންހާޖު ހޯދުމަށްޓަކައި 8،573 މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ.

މިންހާޖު ހޯދުމަށް ކަނޑުމަތީގައި ކުރިއަށް ގެންދާ އޮޕަރޭޝަންގައި 87.6 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް އިއްުޔެވެސް ބަލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެމްއެންޑީއެފް އިން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އިއްޔެ އެކަނިވެސް ވައިގެ މަގުން 750 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވެސް ބުނެފައިވެ އެވެ.

މިންހާޖުއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް ސަލާމަތީ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިންހާޖާއި އިތުރު މީހަކު ތިބި ލޯންޗު މާލެ އިން އއ. އުކުޅަހަށް ދަތުރު ފެށީ މާލޭގެ ކުރީގެ ކުނިކޮއްޓާ ދިމާލުންނެވެ.

ފުލުހުން ބުނީ ގޮތުގައި މިމަހުގެ ފަސްވަނަ ދުވަހުގެ މެންދުރުފަހު 1:00 އިން ފެށިގެން މިންހާޖުގެ ހަބަރެއް އާއިލާއަކަށް ނުވެ އެވެ. އެކަމަކު އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ 8:50 ހާއިރު އެވެ.

މި ދެ މީހުން ދަތުރުކުރި ލޯންޗު ބަންޑުންޖަހާލާފައި އޮއްވައި އއ. މާޅޮސް ކައިރިން ހުކުރު ދުވަހު ވަނީ ފެނިފަ އެވެ. މިންހާޖުއާ އެކު ލޯންޗުގައި އިން ކަމަށް ބުނާ ދެވަނަ މީހާ ހުކުރު ދުވަހު ވަނީ އއ. ފެރިދޫ ފުއްޓަރާ ދިމާއިން ފެނިފަ އެވެ. އަދި ފެރިދޫ ސިއްހީ މަރުކަޒުގައި އޭނާއަށް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި ފަރުވާއަށްފަހު އިއްޔެ އޭނާ ވަނީ ދޫކޮށްލާފަ އެވެ.