ފިނިޕޭޖް

"ގޭމް އޮފް ތްރޯންސް"ގެ ލީނާ ހެޑީ ކައިވެނިކޮށްފި

އުމުރުން 49 އަހަރުގެ ލީނާ ހެޑީ 46 އަހަރުގެ މާކް މެންޗާކާއާ ކުޑަ ހަފްލާއެއްގައި ކައިވެނިކޮށްފި އެވެ.

"ގޭމް އޮފް ތްރޯންސް" ސީރީޒްގެ ސަސީ ލެނިސްޓާގެ ރޯލް އަދާކުރި ލީނާ "އޮޒާކް"ގައި ރަސް ލޭންމޯގެ ރޯލް އަދާކުރާ މާކްއާ ކައިވެނި ކުރީ އިޓަލީގެ ޕިއުލިއާގަ އެވެ.

ކައިވެނީގެ މި ހަފްލާގައި "ގޭމް އޮފް ތްރޯންސް"ގެ އެހެން ތަރިންނާއި މި ދެމަފިރިންގެ ގާތް ރައްޓެހިން ބައިވެރިވި އެވެ.

ލީނާ އާއި މާކް ލޯބީގެ ގޮތުން ގުޅުނު ކަމަށް ބުނީ ނޮވެމްބަރު 2020 ގައެވެ. އިނގިރޭސިވިލާތުގެ އެކްޓަރެއް ކަމުގައިވާ ލީނާ ކައިވެންޏަށް ފަހު އޭނާގެ ދިރިއުޅުން އެމެރިކާއަށް ބަދަލުކުރާނެ ކަމުގެ އިޝާރާތެއް ވެސް އޮތީ ދީފަ އެވެ.

މިއީ ލީނާގެ ތިންވަނަ ކައިވެންޏެވެ. ލީނާ ފުރަތަމަ ކައިވެނިކޮށްފައިވަނީ މިއުޒިޝަނެއް ކަމުގައިވާ ޕީޓާ ޕޯލް ލޯރެންއާ އެވެ. ހަ އަހަރުގެ ކައިވެންޏަށް ފިރިހެން ދަރިއަކު ލިބިފައިވެ އެވެ. ލީނާ ދެވަނަ ކައިވެނިކޮށްފައިވަނީ ޑައިރެކްޓަރު ޑޭން ކޭޑަން އާއެވެ. މި ދެމީހުން ލޯބީގެ ގޮތުން 2015 ގައި ގުޅި، 2018 ގައި ކައިވެނިކުރުމަށްފަހު 2019 ގައި ވަނީ ވަރިވެފަ އެވެ. މި ކައިވެންޏަށް އަންހެން ދަރިއަކު ލިބިފައިވެ އެވެ. މިއީ މާކްގެ ފުރަތަމަ ކައިވެންޏެވެ.