ފިނިޕޭޖް

ކޭލީ ކޫކޯއަށް ދަރިއަކު ލިބެނީ

އުމުރުން 36 އަހަރުގެ ކޭލީ ކޫކޯއާއި ބައިވެރިޔާ 40 އަހަރުގެ ޓޮމް ޕެލްފްރީ އަށް ދަރިއަކު ލިބެނީ އެވެ.

މި ދެތަރިން ކޮށްފައިވާ އިންސްތަގްރާމް ޕޯސްޓެއްގައި ދަރިއަކު ލިބެން އުޅޭ ކަމާއި އެއީ އަންހެން ކުއްޖެއްކަން ހާމަކޮށްފައިވެ އެވެ.

ޕޯސްޓްގައި ޕޮޒިޓިވް ޕްރެގްނަންސީ ޓެސްޓް ކިޓެއް ހިފައިގެން ހުރި ފޮޓޯއެއްވެސް ހިމަނާފައިވެ އެވެ.

"ބިގް ބޭން ތިއަރީ"ގައި ޕެނީގެ ރޯލް އަދާކުރި ކޭލީ އާއި "އޮޒާކް"ގައި ބެން ޑޭވިސްގެ ރޯލް އަދާކުރާ ޓޮމް ޕެލްފްރީ ލޯބީގެ ގޮތުން ގުޅިފައިވަނީ މިއަހަރުގެ މެއި މަހު އެވެ.

ކޭލީ ވަނީ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފަ އެވެ. ޓޮމް ކައިވެންޏެއް ކޮށްފައިވާ ކަމަކަށް އެނގިފައެއް ނެތެވެ. މިއީ ދެމީހުންގެވެސް ފުރަތަމަ ދަރި އެވެ.

ކޭލީ އެންމެ ފަހުން ފެނިފައިވަނީ ޕީޓް ޑޭވިޑްސަންއާ އެކު ރޮމޭންޓިކް ކޮމެޑީއެއް ކަމުގައިވާ "މީޓް ކިއުޓް" ގައެވެ.