މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ރާއްޖެއަށް ކުރަނީ މޫސުމީ ވިއްސާރައެއް: މެޓް އޮފީސް

ރާއްޖެއަށް މިދުވަސްވަރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެ ކަމަށް މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސް [މެޓް] އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުގެ އޮފީހުގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ މޫސުމީ ވިއްސާރަ ކަމަށާއި މިސަރަހައްދުގައި އެއްވެސް ކަހަލަ ތޫފާނެއް މިވަގުތު އުފެދިފައި ނުވާ ކަމަށެވެ.

ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މޫސުން ރަނގަޅު ވާނެ ކަމަށް ލަފާ ކުރެވެނީ އަންނަ އާދިއްތަ ދުވަހުގެ ފަހުން ކަމަށްވެސް މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

"މިވަގުތު އެންމެ ގަދަޔަށް ވިއްސާރަ ކުރަމުން މިދަނީ ހއ އިން ފެށިގެން ތ އަތޮޅާއި ދޭތެރޭގެ ރަށްތަކަށް. އައްޑޫ އަދި ފުވައްމުލަކަށް ދޭތެރެއަކުން ވާރޭ ވެހޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

މެޓް އޮފީހުން ވަނީ މިއަދު މެންދުރު 12:15 އިން ފެށިގެން އިރުއޮށްސި 6 ޖެހުމާ ހަމައަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ރަށްތަކަށް ގަޑިޔަކު 45 މޭލުގެ ބާރުމިނަށް ވައިޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި ބޯކޮށް ވާރޭވެހުމުގެ އިތުރުން ގުގުރާ ވިދާނެ ކަމަށްވެސް ލަފާ ކޮށްފައިވެ އެވެ.