މޯލްޑިވްސް މީޑިއާ ކައުންސިލް

އެމްއެމްސީގެ މެމްބަރު ކަމަށް ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މި ދައުރުގެ 15 މެންބަރުންގެ ތެރެއިން 13 މެންބަރުންގެ ދައުރު އަންނަ ޑިސެމްބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ އެމްއެމްސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ދައުރު ހަމަވާ 13 މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންނަކީ މީޑިއާ ތަމްސީލް ކުރާ މެމްބަރުންނެވެ. ބާކީ ހަ މެންބަރުންނަކީ އާންމުން ތަމްސީލް ކުރާ މެންބަރުންނެވެ.

މީޑިއާ ތަމްސިލް ކުރާ ގޮނޑިތަކަށް ކެންޑިޑޭޓުން ހުށަހަޅާނީ މީޑިއާތަކުންނެވެ. އާންމު މެމްބަރުންގެ ގޮތުގައި ބަލަނީ މީޑިއާ އާއި ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަަސައްކަތް ނުކުރާ މީހުންނެވެ.

މެންބަރު ކަމަށް ކުރިމަތިލާ މީހުންގެ ޝަރުތު

  • ދިވެި ރައްޔިތެއް ކަމުގައިވުން.
  • އުމުރުން 18 އަހަރު ފުރިފައިވުން.
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވުން.
  • މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ނުވުން.
  • ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން.
  • ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން.
  • ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • މުޖުތަމައު ގަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި، އަޚްލާގު ރަނގަޅު މީހެއް ކަމުގައިވުން.
  • ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާ ބެހޭ ގޮތުން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން

އެމްއެމްސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ އިއުލާނުކުރީ މިއަހަރުގެ އޮގަސްޓް 22ގަ އެވެ. އެކަމަކު އެމްއެމްސީގެ އިންތިހާބު ބޭއްވުމަށް އިތުރު ތައްޔާރީތައް ވާން ޖެހޭ ކަމަށް ބުނެ ހޯމް މިނިސްޓްރީން އޮގަސްޓް 25ގައި އެ އިއުލާނު ބާތިލުކުރި އެވެ. އަދި އެ އިއުލާނު ބާތިލްކުރުމަށްފަހު ހޯމް މިނިސްޓްރީން ވަނީ އެމްއެމްސީއަށް މެންބަރުން ހޮވުމުގެ އުސޫލު އިސްލާހުކޮށްފަ އެވެ. އާ އުސޫލުގައިވާ ގޮތުން ގަވައިދުން ނުނެރޭ ނޫސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓަރުންނަށް (ޕީއެސްއެމްގެ ދަށުން ހިންގާ މީޑިއާތައް ފިޔަވައި) އެމްއެމްސީ އިންތިހާބުގައި ވޯޓެއް ނުލެވޭނެ އެވެ.