ސީރިޔާ

ސީރިއާގައި ކޮލެރާ ފެތުރި ހާލަތު ގޯހުން ގޯހަށް

Oct 13, 2022

ލިޔުނީ: އައިމިނަތު ޒީޝާން އަލީ

ސީރިއާގެ އެކި ސަރަހައްދުތަކުގައި ހަލުވި ކަމާއި އެކު ކޮލެރާ ފެތުރެން ފަށައިފި އެވެ. މިދިޔަ އޮގަސްޓް މަހު ފެތުރެން ފެށި މި ބައްޔަށް ޝައްކު ކުރެވޭ 13،000 މީހަކު މިހާތަނަށް ފެނިފައިވާ އިރު މީގެތެރެއިން 1000 އާ ގާތްކުރާ ސާމްޕަލް ވަނީ ކޮލެރާ އަށް ޕޮޒިޓިވް ވެފަ އެވެ.

ސީރިއާގެ ހެލްތް މިނިސްޓްރީން ވަނީ މިހާތަނަށް މިބަލީގައި 60 މީހަކު މަރުވެފައިވާ ކަމަށާއި މީގެތެރެއިން 40 މަރަކީ އުތުރު އެލެޕޯ ޕްރޮވިންސް އިން ކޮލެރާ ޖެހިގެން މަރުވި އަދަދު ކަމަށް ބުނެފަ އެވެ.

ސީރިއާގައި ހަލުވިކަމާއި އެކު ކޮލެރާ ފެތުރެން ފަށައިފައިވާއިރު އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް މީހުން ފެނިފައިވަނީ ސީރިއާގެ އުތުރު އެލެޕޯ ޕްރޮވިންސުންނެވެ.

ކޮލެރާ ބެކްޓީރިއާ އަކީ އާންމު ގޮތެއްގައި ތަޣައްޔަރު ވެފައިވާ ފެނުގެ ޒަރިއްޔާއިން އިންސާނުންނަށް ޖެހޭ ބައްޔެކެވެ. އެހެންކަމުން ސާފުތާހިރުކަން ކުޑަ ނުވަތަ ސާފުތާހިރު ފެން ލިބުން ދަތި ސަރަހައްދުތަކުގައި މިބަލި ވަރަށް ހަލުވިކަމާއެކު ފެތުރިގެންދެ އެވެ. ކޮލެރާ އިންފެކްޝަން އަކީ އެބަލި ޖެހޭ ކޮންމެ 10 މީހަކުން އެކަކަށް ވަރަށް ބޮޑު ވަރުވާ ފުރާނައަށް ނުރައްކާ ކުރާ ބައްޔެކެވެ. ކޮލެރާ އިންފެކްޝަންގެ އަލާމަތްތަކަކީ ބަނޑު ދިޔާވެ އަވަސް އަވަހަށް ބޮޑުކަމު ދެވުމާއި ހޮޑު ލެވުމާ އަކުނިވަޔަށް ދެމުމެވެ. މިފަދަ އަލާމަތްތައް ފެންނަ މީހުންނަށް އަވަސް ފަރުވާ ނުދެވިއްޖެ ނަމަ ހަށިގަނޑު ޑީހައިޑްރޭޓްވުމާއި ޝޮކް ޖެހި ފުރާނަ ގެއްލިގެންދެ އެވެ.

ސީރިއާގެ ސިއްހީ ނުރައްކަލުގެ ހާލަތު ބަޔާން ކުރައްވަމުން އދގެ ހިއުމަނިޓޭރިއަން ކޯޑިނޭޓަރު ވިދާޅުވާ ގޮތުގައި ސީރިއާގައި ކޮލެރާ ބަލިމަޑުކަން ފެތުރެން ފަށާފައިވަނީ ފުރާތު ކޯރުގެ ތަޣައްޔަރުވެފައިވާ ފެން، ބޯފެނުގެ ގޮތުގައި އާއި ދަނޑުތަކަށް ފެން ދިނުމަށް ބޭނުން ކުރުމާ ގުޅިގެން ކާބޯތަކެތި ކޮލެރާ ބެކްޓީރިއާއިން ތަޣައްޔަރުވުމުންނެވެ.

މިބަލިމަޑުކަމަކީ ސީރިއާއަށް ސާފު ފެން ލިބުން ދަތިވެ އޮތް މިންވަރު އަންގައިދޭ ކަމެއް ކަމަށްވެސް ކޯޑިނޭޓަރު ވިދާޅުވި އެވެ. ސީރިއާގެ ރައްޔިތުން ފެނަށް ޖެހިފައިވާ މިހާލަތުގައި ތަޣައްޔަރުވެފައިވާ ފެން ބޭނުން ކުރުމުގެ ސަބަބުން އިތުރު ބަލިމަޑުކަމެއް އައުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އދ. އާއި ސީރިއާގެ އޮފިޝަލުން ގަބޫލުކުރައްވަ އެވެ.

ސީރިއާގެ 11 އަހަރުވީ ދާހިލީ ހަނގުރާމައިގައި އެ ގައުމުގެ ފެނާ ބެހޭ ގައުމީ ނިޒާމު ވަނީ މުޅިން ފުނޑުފުނޑު ކޮށްލާފަ އެވެ. މިކަމާ ގުޅިގެން ސީރިއާގެ ގިނަ އަދަދެއްގެ މީހުން މިހާރު ވަނީ ފެނަށް ޖެހި ސާފުތާހިރު ނޫން ފެން ބޭނުންކުރަން މަޖުބޫރުވެފަ އެވެ.

ހިލޭ ސާބަހަށް މަސައްކަތް ކުރާ ސޭވް ދަ ޗިލްޑްރަން ޖަމިއްޔާއިން ބުނާ ގޮތުގައި ކުރިއަށް އޮތް ހަފްތާތަކުގައި ސީރިއާގެ ސިއްހީ އަދި ފެނުގެ ނިޒާމަށް ނުކަތާވަރަށް ކޮލެރާ ބަލިމަޑުކަން ފެތުރިގެންދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިކަމުގެ ސީދާ އަސަރު އެންމެ ބޮޑަށް ކުރާނީ ކުޑަކުދިންނަށެވެ. މިހާރުން މިހާރަށް ހަރުދަނާ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ އިއާދަ ނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ -- ޑަބްލިއުއެޗްއޯ އިން ވަނީ ސީރިއާ އަށް ކޮލެރާ ކިޓް، ރެޕިޑް ޑައިގްނޯސްޓިކް ޓެސްޓް، އަދި ވޯޓާ ރީހައިޑްރޭޝަން ސޮލޫޝަން ފަދަ އިމަޖެންސީ އެހީ ފޯރުކޮށްދޭން ފަށާފަ އެވެ. އެކަމަކު އިޒްރޭލުން ސީރިއާގެ އެއާޕޯޓް ތަކަށް ދޭތެދޭތެރެއިން ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ އެވެ.

ސީރިއަން އަރަބް ރިޕަބްލިކްގެ ޔޫއެން ރެސިޑެންޓް ކޯޑިނޭޓަރު އިމްރާން ރިޒާ ވަނީ ސީރިއާ އަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުން އަރައިގަތުމަށް ގައުމުތަކުން ކުއްލި އެހީ ފޯރުކޮށް ދިނުމަށް ގޮވާލައްވާފަ އެވެ. ފުރާތު ކޯރަކީ މެދު އިރުމަތީގެ ގައުމުތަކާއިވެސް ގުޅިފައިވާ ކޯރެއް ކަމުން ކޮލެރާގެ ބަލިމަޑުކަން މުޅި މެދު އިރުމައްޗަށް ފެތުރިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ސީރިއާގައި އެތައް މިލިއަން ބަޔަކު މަޖުބޫރުވެގެން މިހާރު ވެސް ދިރިއުޅެނީ ރެފިއުޖީ ކޭމްޕްތަކުގަ އެވެ. މިފަދަ ކޭމްޕްތަކަކީ އެއްވެސް ވަރަކަށް ސާފު ފެނާއި ނަރުދަމާ ނިޒާމެއް އެކުލެވިގެންވާ ތަންތަނެއް ނޫނެވެ. އަދި ތޮއްޖެހިގެން އުޅެންޖެހިފައިވާ މިފަދަ މިކޭމްޕްތަކުގައި ދިރިއުޅޭ މީހުންގެ ތެރޭގައިވެސް ނިސްބަތުން އެންމެ ގިނައީ ކުޑަކުދިންނެވެ. މިފަދަ ކޭމްޕްތަކުގައި ބަލިމަޑުކަން ފެތުރިއްޖެ ނަމަ ކޮންޓްރޯލް ކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ.