މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ މައުރަޒެއް ބާއްވަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ މައުރަޒެއް އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

އަންނަ މަހުގެ 14 އިން 15 އަށް މިމައުރަޒު ކުރިއަށް ގެންދަން ނިންމާފައިވަނީ "ރިވެލި ތަރި" މައުރަޒު ގެ ނަމުގަ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މި މައުރަޒަކީ ނުކުޅެދުންތެރިކަން ހުންނަ މީހުނާއި، ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުގުވެރިކަން ހުންނަ މީހުން ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ބާއްވާ މައުރަޒެއް ކަމަށެވެ.

މައުުރަޒުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

މި މައުރަޒުގައި ބައިވެރިކުރާ ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ހަފުތާގެ ތެރޭގަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން އަމިއްލައަށް އުފައްދާ ތަކެތި ވިއްކައި ޕްރޮމޯޓްކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި "ރެދަން"ގެ ނަމުގައި މައުރަޒެއް ބާއްވާ ވަނަތައް ހޮވާފައިވެ އެވެ. މިސަރުކާރުން ބާއްވަން ތައްޔާރުވަމުންދާ "ރިވެލި ތަރި" މައުރަޒަކީ "ރެދަން" މައުރަޒުގެ ބަދަލުގައި ބާއްވާ މައުރަޒެއް ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.