އެޗްޑީސީ

ހުޅުމާލޭގައި އިސްރަށްވެހިންނަށް ނާދީއެއް ހަދަނީ

ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަގުސަދުގައި "އިސްރަށްވެހިންގެ ނާދީ" ތަރައްގީ ކުރުމަށް އިޖުތިމާއީ ފެމިލި ޑިވެލޮޕްމަންޓް މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.

އިސްރަށްވެހިންގެ ނާދީ ތަރައްގީކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރިއިރު އެޗްޑީސީ އިން ވަނީ ނާދީ ތަރައްގީކުރުމުގެ މަސައްކަތް ދުރާލާ ފަށާފަ އެވެ. އަދި އެތަނުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާފަ އެވެ. މިއީ އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެކެވެ..

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު އަށެއްގައި ތަރައްގީކުރާ މި ނާދީގައި އިސްރަށްވެހިންގެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވެ އެވެ. އަދި އިސްރަށްވެހިންގެ ސިއްހީ ބޭނުންތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުމުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ.

ނާދީ ހިންގުމުގެ ކަންކަން ބަލަހައްޓާނީ ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީންނެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނޭ މިފަދަ ވަސީލަތްތައް ތަރައްގީކޮށް ހިދުމަތް ފޯރުކޮށްދިނުމަށް އަބަދުވެސް އިސްކަންދޭ ކަމަށް އެޗްޑީސީ އިން ބުނެ އެވެ.