ގެވެށި އަނިޔާ

ގެވެށި އަނިޔާ ލިބޭ މީހުން ތިބޭ ތަން އަޅަން ބިން ދީފި

ގެވެށި އަނިޔާ ލިބޭ މީހުން ބައިތިއްބަން ހުޅުމާލޭގައި ގާއިމްކުރާ ޑޮމެސްޓިވް ވަޔެލެންސް (ޑީވީ) ޝެލްޓަރުގެ ބިމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާއިއެކު ފިނޭންސް މިނިސްޓްރީ އަދި ޖެންޑާ މިނިސްޓްރީން ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދުދީދީ އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އެވެ.

ހުޅުމާލޭގައި ގާއިމުކުރާ ޑީވީ ޝެލްޓަރު ހެދުމަށް ހަމަޖެހިފައިވަނީ ފަސް އަހަރަށް ބަހާލައިގެންނެވެ.

މި މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަޝްރޫއުގައި ހިމެނޭ ކޮމްޕޯނަންޓެއްގެ ތެރެއިން ކުރާ ކަމެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ނުވަތަ ގެވެށި އަނިޔާގެ ޝިކާރައަކަށްވެގެން ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ލާމަރުކަޒީކޮށް ހިދުމަތް ދިނުމުގައި މިންތީގެ ނަޒަރިއްޔާތު ހިމަނައިގެން ނަތީޖާ ހާސިލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ތަންފީޒުކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑީގައި ހިމެނޭ މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އަދި ސްޓެރިޓީޖިކް އެކްޝަން ޕްލޭންގެ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރުން މިމަސައްކަތުގެ ތެރޭގައި ހިމެނެ އެވެ.

ހުޅުމާލޭގައި ގާއިމްކުރާ ޑީވީ ޝެލްޓަރަކީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމްކުރުމަށް ކަނޑައަޅާފައިވާ ތަންތަނުގެ ތެރެއިން އެއް މަރުކަޒެވެ.

މަރުކަޒު ގާއިމުކުރަން ހަމަޖެހިފައިވަނީ ހުޅުމާލޭގެ އިތުރުން ރ. އުނގޫފާރު އަދި އައްޑޫ ސިޓީގަ އެވެ.