ފިނޭންސް މިނިސްޓްރީ

ސަރުކާރު ހިއްސާވާ ކުންފުނިތަކަކުން ނެގި 750 މިލިއަން ރުފިޔާގެ ލޯނަށް ގެރެންޓީދީފި

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން މިދިޔަ އަހަރު ނެގި 750 މިލިއަން ރުފިޔާގެ ލޯނަށް ސަރުކާރުން ގެރެންޓީދީފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި ސޮވެރިން ގެރެންޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިފްކޯ އާއި ފެނަކަ ކޯޕަރޭޝަން އަދި އެޗްޑީސީން ނެގި ލޯނުތަކަކަށް ސަރުކާރުން ވަނީ ގެރެންޓީ ދީފަ އެވެ.

މި ލޯނުތަކުގެ ތެރޭގައި ފުނަދޫ އާއި ކޫއްޑޫ އާއި ތިނަދޫގައި ހުންނަ މިފްކޯގެ ފެސިލިޓީ ތަރައްގީކޮށް މިފްކޯއަށް އުޅަނދެއް ގަތުމަށް ހަބީބް ބޭންކުން ނެގި 150 މިލިއަން ރުފިޔާގެ ލޯނެއް ހިމެނެ އެވެ.

ފެނަކަ ކޯޕަރޭޝަނުން މޯލްޑިވްސް އިސްލާމިކް ބޭންކުން ނެގި 400 މިލިއަން ރުފިޔާގެ ލޯނަށްވެސް ސަރުކާރުން ވަނީ ގެރެންޓީދީފަ އެވެ. މިއީ 200 މިލިއަން ރުފިޔާގެ ދެ ލޯނެވެ.

މީގެ އިތުރުން އެޗްޑީސީން ނެގި 100 މިލިއަން ރުފިޔާގެ ލޯނަކާއި 6.49 މިލިއަން ޑޮލަރުގެ ލޯނަކަށްވެސް ސަރުކާރުން ވަނީ ގެރެންޓީދީފަ އެވެ.

މި ލޯނުތައްވެސް ނަގާފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުންނެވެ.