އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމުން އެއީ އެސްޓީއޯގެ ކުރިމަގަށް ކުރެވޭ ރަނގަޅު އިންވެސްޓްމަންޓަކަށް ވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަށް ފެނަކަ ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ފެނަކަ، އެސްޓީއޯގެ ދަށަށް ބަދަލުކުރުމަަށް ސަރުކާރުން ނިންމީ އެ ބަދަލު ގެނައުމަށް ޝައުގުވެރިކަން ފާޅުކޮށް އެސްޓީއޯ އިން މިމަހުގެ 15 ވަނަ ދުވަހު ސަރުކާރަށް ހުށަހެޅި ޕްރޮޕޯސަލަށް ބެލުމަށްފަހު އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވީ އެސްޓީއޯ އިން ފެނަކައިގެ ހިއްސާ ގަނެފައިވާތީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ފެނަކަ، އެސްޓީއޯ ދަށަށް ބަދަލުކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީއާއި ފެނަކައާއި ގުޅިގެން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ޝިމާދު ވިދާޅުވީ މިޕްލޭންގެ ތެރެއިން މިނިވަން އޮޑިޓް ފާމެއް މެދުވެރިކޮށް ފެނަކައިގެ ހާލަތު ދެނެގަތުމުގެ ގޮތުން އެ ކުންފުނީގެ މާލީ އަދި ލީގަލް ޑިއު ޑިލިޖެންސް ހެދުމަށާއި އެސެޓްތައް އަގުކުރުމާއި މާލީ ހާލަތު ދެނެގަތުމަށް ވަނީ ނިންމާފައިވާ ކަމަށެވެ. އަދި ފެނަކަ ރައިޓްސައިޒްކޮށް އެ ކުންފުނިން ހިންގުން ހަރުދަނާކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީއާ އެކު ކުރަންޖެހޭ މަސައްކަތް ކުރުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ލަފާ ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއުޅެނީ ޝޯޓް ޓާމް ބެނެފިޓަކަށް މިކަން ކުރާކަށް ނޫން. އަޅުގަނޑުމެން ފެނަކަ ދެކެނީ އެސްޓީއޯގެ ކުރިމަގަށް ވަރަށް މުހިއްމު އިންވެސްޓްމެންޓެއް ގޮތަށް. އަޅުގަނޑުމެން ގަބޫލުކުރަނީ ދޭއް ނުވަތަ ތިން އަހަރު ނަގާފާނެ ކަމަށް ރަނގަޅު ބަދަލެއް ފެންނަން،" އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދް ވިދާޅުވިއެވެ.
އެސްޓީއޯ އިން ބުނީ ފެނަކައިގެ އިންޓަރިމް ބޯޑު އެކުލަވާލުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ، ފިނޭންސް މިނިސްޓްރީ، އެންވަޔަރަންމަންޓް މިނިސްޓްރީ ތަމްސީލް ކުރާ ބޭފުޅުން ހިމެނޭ ގޮތަށް ކަމަށެވެ. އަދި އެސްޓީއޯގެ ދަށަށް ފެނަކަ މުޅިން ބަދަލުކުރުމާ އެކު އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ދެން އެކުލަވާލާނީ އެސްޓީއޯގެ ގަވާނަންސް ކޯޑާއި ސަބްސިޑަރީތަކަށް މެންބަރުން އައްޔަންކުރާ އުސޫލާ އެއްގޮތަށް ކަމަށްވެސް ބުންޏެވެ.
ފެނަކައިގެ ދަރަނީ ބޮޑު ބަޔަކީ އެސްޓީއޯއަށް ދައްކަންޖެހޭ ފައިސާ ކަމަށްވާތީ އެ ފައިސާ އެސްޓީއޯއަށް ލިބޭނެ ގޮތުގެ ޕްލޭނެއް ހަދައި އެއާ އެއްގޮތަށް ފައިސާ ހޯދުމަށް މަސައްކަތްކޮށް، ފެނަކަ އަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންވެސް އެސްޓީއޯ އިން ވަނީ ދީފަ އެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެންމެ ހާލުގައި އޮތް ކުންފުންޏަކީ ފެނަކަ އެވެ. އެ ކުންފުނީގެ ދަރަނި 4.3 ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.