އައިރިޝް-އިންގްލިޝް އެކްޓްރެސް ޑޭމް އެންޖެލާ ލޭންސްބަރީ 96 އަހަރުގައި މަރުވެއްޖެ އެވެ.
މީނާ މަރުވެފައިވަނީ 97 އަހަރު ފުރެން ފަސް ދުވަހަށް ވެފައިވަނިކޮށެވެ. އެންޖެލާގެ ދަރިން ބުނީ އެންޖެލާ މަރުވީ މިިދިޔަ އަންގާރަ ދުވަހު ލޮސް އެންޖަލިސްގައި އޭނާ ދިރިއުޅެމުން ދިޔަ ގޭގައި ކަމަށެވެ.
އެންޖެލާ މަރުވިއިރު އޭނާގެ ތިން ދަރިންނާއި ތިން މާމަ ދަރިންނާއި ފަސް މުނި މާމަދަރިން އެބަތިއްބެވެ. އެންޖެލާ 1945 ގައި ކުރި ކައިވެނި އެއް އަހަރުގެ ތެރޭގައި ނިމިގެން ދިޔަ ނަމަވެސް ދެވަނަ ކައިވެނީގައި ފިރިމީހާ ޕީޓާ ޝޯ މަރުވަންދެން ދެމިހުއްޓެވެ.
އެންޖެލާ ބްރިޖިޑް ލޭންސްބަރީގެ 75 އަހަރުގެ ކެރިއަރުގައި އެންޖެލާ ވަނީ ސްޓޭޖްމަތީގައި މިއުޒިކަލްސް، ޓީވީ ސީރީޒް، ފިލްމް އަދި ކާޓޫނަށްވެސް އަޑު އަޅާފަ އެވެ. އެންޖެލާގެ ސިފަ ހުންނަ ގޮތުން އުމުރަށް ވުރެ ދޮށީ ވައްތަރު ޖެހުމުން، އެންޖެލާގެ ޅައުމުރުގައި މެދު އުމުރުގެ މީހުންގެ ރޯލްތައް ދީފައިވެ އެވެ.
އެންޖެލާއަށް ފަސް ޓޯނީ އެވޯޑާއި، ގޯލްޑަން ގްލޯބް، ބެފްޓާ އެވޯޑް އަދި އޮނޮރަރީ އެކަޑަމީ އެވޯޑް ލިބިފައިވާއިރު ރާނީ އެލިޒަބަތް 11 ވަނީ އެންޖެލާއަށް 1994 ގައި ކޮމާންޑާ އޮފް ދި އޯޑާ އޮފް ދަ ބްރިޓިޝް އެމްޕަޔާގެ ލަގަބް ދީފަ އެވެ.
އެންޖެލާގެ ފާހަގަކޮށްލެވޭ މިއުޒިކަލްގެ ތެރޭގައި "މޭމް"، "ޖިޕްސީ"، "ޑިއާ ވޯލްޑް" އަދި "ސްވީނީ ޓޮޑް" ހިމެނެ އެވެ. އަދި ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި "ގޭސްލައިޓް"، "ދަ ޕިކްޗާ އޮފް ޑޯރިއަން ގްރޭ"، "ދަ މަންޗޫރިއަން ކެންޑިޑޭޓް"، "ބެޑް ނޮބްސް އެންޑް ބްރޫމް ސްޓިކްސް"، "ބިއުޓީ އެންޑް ދަ ބީސްޓް" ހިމެނެ އެވެ. 1992 ގެ "ބިއުޓީ އެންޑް ދަ ބީސްޓް" ގައި އެންޖެލާ ވަނީ މިސިޒް ޕޮޓްސްގެ އަޑު އަޅާފަ އެވެ.
އެންޖެލާ އެންމެ ބޮޑު އެއް ކާމިޔާބީއެއް ހޯދި މަސައްކަތަކީ އަގަތާ ކްރިސްޓީގެ މިސް މާޕަލް ވާހަކަތައް ރިފަރެންސްކޮށް އުފެއްދި "މާޑާ، ޝީ ރޯޓް" ސީރީޒް އެވެ.
މި ސީރީޒްގައި އެންޖެލާ ކުޅުނީ ދެބައި އުމުރުގެ ފިރިމީހާ މަރުވެފައިވާ ކުރީގެ ސަބްސްޓިޓިއުޓް ޓީޗަރެއް ކަމުގައިވާ ޖެސިކާ ފްލެޗާގެ ރޯލެވެ.
ޖެސިކާ އަކީ މިސްޓްރީ ވާހަކަ ލިޔެ، މިސްޓްރީ ހޯދުމުގެ ޝައުގުވެރިކަން ހުންނަ ކެރެކްޓަރެކެވެ. މި ސީރީޒް ވަނީ 12 ސީޒަނަށް ކުރިއަށް ގެންގޮސްފަ އެވެ.
އެންޖެލާ އަކީ ހޮލީވުޑަށް ގެއްލިގެން ދިޔަ ހުނަރުވެރި ތަރިއެކެވެ.