ފިނޭންސް މިނިސްޓްރީ

ހަކަތައާއި ފެނާއި ނަރުދަމާގެ ދަރަނި 514 މިލިއަން ރުފިޔާއަށް

ކަރަންޓާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ފާއިތުވި ތިން އަހަރު ދަރަންޏަށް 514.70 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީގައިވާ ގޮތުން އެ އަދަދަކީ 2019 އިން 2021 އަށް ހަކަތަ އާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ދަރަންޏަށް ހަރަދުކުރި މިންވަރެވެ. އެއީ އެ މުއްދަތުގައި ދަރަންޏަށް ނެގި ފައިސާއިން ކުރި ހޭދައިގެ 3.2 އިންސައްތަ އެވެ.

ކުރިއަށް އޮތް ތިން އަހަރު ދަރަންޏަށް ނަގާ ފައިސާއިން ގާތްގަނޑަކަށް 1.8 ބިލިއަން ރުފިޔާ ކަރަންޓާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ހޭދަވާނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ. އަދި 2024 ވަނަ އަހަރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ސާފު ފެނާއި ނަރުދަމާ ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލް ވާނެ ކަމަށް ފިނޭންސުން ބުނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 2019 އިން 2021 އަށް ޖުމްލަ 135 މިލިއަން ރުފިޔާ ދަރަންޏަށް ނެގި ފައިސާއިން ހޭދަކުރީ ބޯހިޔާވަހިކަމާއި ތަރައްގީގެ މަޝްރޫއުތަކަށް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުން ކުރިއަށް އޮތް ތިން އަހަރު ދަރަންޏަށް ނަގާ ފައިސާއިން ގާތްގަނޑަކަށް 370.2 މިލިއަން ރުފިޔާ ބޯހިޔާވަހިކަމާއި ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރާނެ އެވެ.

ކޮވިޑް 19 އާއި ގުޅިގެން ސިއްހީ ކަންކަމަށާއި އިގްތިސާދު އާރާސްތު ކުރުމުގެ ކަންކަމަށް އިސްކަންދޭން ޖެހުމާ ގުޅިގެން ބޯހިޔާވަހިކަމާއި ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރުން ވަރަށް ބޮޑަށް މަޑު ޖައްސާލަން ޖެހުނެވެ. ނަމަވެސް މިހާރު އިގްތިސާދު ހަމައަކަށް އެޅެމުންދާތީ ސަރުކާރުން އެފަދަ މަޝްރޫއުތައް ބާރު މިނެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.