ފިނިޕޭޖް

މާވެލްގެ ގިނަ ފިލްމުތަކެއް ނެރުން ފަސްކޮށްފި

ޑިސްނީ އިން މާވެލްގެ ގިނަ ފިލްމްތަކެއް ރިލީޒްކުރުން ފަސްކޮށްފި އެެވެ.

މިގޮތުން ފަސްކުރި ފިލްމްތަކުގެ ލިސްޓުގައި "ފެންޓާސްޓިލް ފޯ"، "ބްލޭޑް"، "ޑެޑްޕޫލް 3" އަދި "އެވެންޖާސް ސީކްރެޓް ވޯސް" ހިމެނެ އެވެ.

"ބްލޭޑް" މީގެ ކުރިން އަންނަ މަހުގެ ތިވަނަ ދުވަހު ރިލީޒްކުރުމަށް ނިންމާފައި އޮތް އިރު މި ފިލްމުގެ ޑައިރެކްޓަރު ބައްސާމް ތޯރިގް ފިލްމުން ވަކިވުމުން މާވެލްއިން ވަނީ ޕްރޮޑަކްޝަން ހުއްޓާލާފަ އެވެ.

އާ ޑައިރެކްޓަރެއް ހޯދައި މި ފިލްމް ސެޕްޓެމްބަރު 6، 2024 ގައި ރިލީޒްކުރާނެ ކަމަށް މިހާރު އެބަ ބުނެ އެވެ. މިކަމުގެ ސަބަބުން ސްޓޫޑިއޯގެ ޕްރޮޑަކްޝަން ޝެޑިއުލަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ.

"ޑެޑްޕޫލް 3" ސެޕްޓެމްބަރު 3، 2024 އިން މިހާރު ވަނީ ނޮވެމްބަރު 8، 2025 އަށް ރިލީޒްކުރާ ދުވަސް ބަދަލުކޮށްފަ އެވެ. "ފެންޓޭސްޓިކް ފޯ" ނޮވެމްބަރު 8 2024 އިން ފެބްރުއަރީ 14، 2025 އަށް ވަނީ ލަސްކޮށްފަ އެވެ. އަދި "އެވެންޖާސް ސީކްރެޓް ވޯސް" މިހާރު ވަނީ 2026 އަށް ފަސްކޮށްފަ އެވެ.

މާވެލް ސިނެމެޓިކް ޔުނިވާސްގައި އެކި ވާހަކަތައް ވަނީ ގުޅުވާލާފަ އެވެ. އެހެންކަމުން އެއް ފިލްމަށް އަންނަ ބަދަލަކުން އެހެން ފިލްމުތަކަށްވެސް ބަދަލު އާދެ އެވެ. މިގޮތަށް "ޑޮކްޓާ ސްޓްރޭންޖް" އަދި "ތޯ: ލަވް އެންޑް ތަންޑާ" އަދި "ބްލެކް ޕެންތާ: ވަކަންޑާ ފޮއެވާ" ވެސް ވަނީ ފަސްކުރެވިފަ އެވެ.