ޔުކްރޭނަށް ސާޓާލިންކް އިންޓަނެޓް ހިދުމަތް ދެން ހިލޭ ނުދެވޭނެ ކަމަށް އީލޮން މަސްކްގެ ސްޕޭސް އެކްސްއިން އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓަށް އަންގައިފި އެވެ.
ސްޕޭސް އެކްސްއިން ދިން އިރުޝާދަކީ، ސްޓާލިންކް އިންޓަނެޓް ހިދުމަތް މެދުނުކެނޑި ޔުކްރޭނަށް ފޯރުކޮށްދޭން އެދޭ ނަމަ ބޭނުންވާ ވަސީލަތްތަކަށް އެެމެރިކާ ސަރުކާރުން ފަންޑުކުރުމެވެ.
ޔުކްރޭނަށް ވަކި މުއްދަތެއް ނެތް ގޮތަށް ސްޓާލިންކް އިންޓަނެޓް ހިދުމަތް ފޯރުކޮށް ދިނުމަކީ ކުރެވެން ނެތް ކަމެއް ކަމަށް ޑިފެންސް ޑިޕާޓްމަންޓަށް ސްޕޭސް އެކްސްއިން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
ސްޕޭސް އެކްސްއިން ބުނި ގޮތުގައި ޔުކްރޭނަށް ސްޓާލިންކް އިންޓަނެޓް ފޯރުކޮށްދޭން 120 މިލިއަން ޑޮލަރު އެ ކުންފުނިން ހޭދަކުރެ އެވެ. އެ ހިދުމަތް މިއަންނަ އަހަރަށް ދަމަހައްޓާ ނަމަ 400 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
އެހެންކަމުން މި އަހަރު ނިމޭތަނުން ސްޓާލިންކް އިންޓަނެޓް ހިދުމަތް ޔުކްރޭނަށް މެދުކަނޑާލަން ޖެހިދާނެ ކަމަށްވެސް ސްޕޭސް އެކްސްއިން ބުނެފައިވެ އެވެ.
ސްޕޭސް އެކްސްގެ މި ބަޔާނާ ބެހޭ ގޮތުން އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓް -- ޕެންޓަގަނުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ޔުކްރޭނަށް ފޮނުވާ ސްޓާލިންކް ޓާމިނަލްތަކަށް ވާގޮތް ޕެންޓަގަނަށް ފޮނުވި ބަޔާނުގައި ސްޕޭސް އެކްސްއިން ވަނީ އޮޅުންފިލުވައި ދީފަ އެވެ.
ސްޕޭސް އެކްސްއިން ބުނީ ޔުކްރޭނަށް އެންމެ ފުރަތަ ފޮނުވި ސްޓާލިންކް ޓާމިނަލްތަކުގެ އިތުރުން 8،000 ޓާމިނަލަށް ޔުކްރޭންގެ ކޮމާންޑިން ޖެނެރަލް، ޖެނެރަލް ވެލެރީ ޒަލޫޝްނީ އެދިވަޑައިގެންނެވި ކަމަށެވެ.
ހަނގުރާމައިގެ މައިދާނަށް ފޮނުވާ އެއްޗަކަށް ވާތީ ހަމަލާތަކުގައި ކޮންމެ މަހަކު 500 އެއްހާ ޓާމިނަލް ހަލާކުވާ ކަމަށްވެސް ސްޕޭސް އެކްއިން ބުނެފައިވެ އެވެ.
ސްޕޭސް އެކްސްއިން ބުނީ އެހާވަރުގެ ބުރައެއް އުފުލުމަކީ އަދި މުޅިން ފައްކާ ނުވެ އޮތް އިންޓަނެޓް ކުންފުންޏަކަށް ކުރެވެން ނެތް ކަމެއް ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާގެ ފައުޖުތައް ޔުކްރޭންގައި އުޅޭ ގޮތް ބަލައި ޑްރޯން ހަމަލާތައް ދިނުމަށް ޔުކްރޭން ސިފައިން ސްޓާލިންކް އިންޓަނެޓަށް ވަރަށް ބޮޑަށް ބަރޯސާކުރެ އެވެ. އަދި ރަޝިއާ ސިއިން ޔުކްރޭނުން ބޭލުމަށް ކުރާ މަސައްކަތްތަކަށް ވެސް ސްޓާލިންކް ވަރަށް މުހިންމެވެ.