ޓެސްލާ، ސްޕޭސް އެކްސް އަދި ސްޓާލިންކްގެ ވެރިޔާ އީލޮން މަސްކް އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން މަޝްވަރާ ކުރެއްވި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދޭން އެމެރިކާ ސަރުކާރަށް ޖެހިއްޖެ އެވެ.
ވައިޓް ހައުސްގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން ކޯޑިނޭޓަރު ޖޯން ކާބީ ވިދާޅުވި ގޮތުގައި އީލޮން މަސްކް އަކީ އެއްވެސް ހައިސިއްޔަތަކުން އެމެރިކާ ސަރުކާރު ތަމްސީލް ކުރައްވާ ބޭފުޅެއް ނޫނެވެ.
އީލޮން މަސްކް ވެސް ވަނީ މިކަމާ ބެހޭ ގޮތުން ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ރަޝިއާ، ޔުކްރޭން ހަމަނުޖެހުންތަކަށް އޮތް ހައްލު ކަމަށް ވިދާޅުވެ ޓްވީޓް ކުރެއްވީ ޕޫޓިންއާ އެކު ކުރެއްވި މަޝްވަރާއަކަށް ބިނާކޮށްފައި ނޫން ކަމަށެވެ.
އީލޮން މަސްކް ވިދާޅުވި ގޮތުގައި ޕޫޓިންއަށް ނުގުޅުއްވާތާ 18 މަސް ދުވަސް ވެދާނެ އެވެ. އޭނާ އެންމެ ފަހުން ޕޫޓިންއާ މަޝްވަރާ ކުރެއްވީ ޖައްވީ ދަތުރުތަކާ ބެހޭ ގޮތުން ކަމަށްވެސް ވިދާޅުވި އެވެ.
މަސްކާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި މިގޮތަށް ވާހަކަތައް ފެށިގެން މިއުޅެނީ މިދާކަށް ދުވަހު އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.
އޭނާ ކުރެއްވި ޓްވީޓްގައި ޔުކްރޭން ހަނގުރާމައަށް އޮތް ހައްލާ މެދު އޭނާ ދެކެވަޑައިގަންނަވާ ގޮތް ބަޔާންކުރައްވައި އެއިން އެއްވެސް ގޮތެއް އާންމުންނަށް ކަމުދޭތޯ ވަނީ ސުވާލު ކުރައްވާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭން ހަނގުރާމަ ފެށި ފަހުން ވެސް އީލޮން މަސްކް އާއި ޕޫޓިން ބައްދަލުކުރެއްވި އެވެ. އަދި ހަނގުރާމައަށް އޮތް ހައްލާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
އީލޮން މަސްކް ވިދާޅުވި ގޮތުގައި އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫނެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމައަށް އޮތް ހައްލު ކަމަށް ވިދާޅުވެ މަސްކް ކުރެއްވި -- ޚިޔާލު ތަފާތުވުން ބޮޑުވި ޓްވީޓްގައި އޭނާ ވިދާޅުވެފައިވަނީ ހަނގުރާމައަށް އޮތް އަވަސް ހައްލަކީ ރަޝިއާއަށް ކްރައިމިއާ ދޫކޮށްލުން ކަމަށެވެ.
އާންމުންގެ ތެރެއިން މިކަން ގަބޫލުކުރަނީ ކިތައް މީހުންތޯ ސުވާލު ކުރައްވައި އޭނާ ވަނީ ވޯޓަކަށް ވެސް ގޮވާލައްވާފަ އެވެ.
މަސްކް ދެވަނައަށް ހުށަހެޅުއްވި ޚިޔާލަކީ މިދާކަށް ދުވަހު ރަޝިއާއާ ގުޅުވާލި ޔުކްރޭންގެ ހަތަރު ސަރަހައްދުގައި އދ. މެދުވެރިކޮށް އާންމުންގެ ޚިޔާލު ހޯދުމެވެ. އެގޮތުން ރަޝިއާ ސިފައިން އެ ސަރަހައްދު ތަކުން ފައިބަން އާންމުން އެދޭކަން ސާބިތުވެއްޖެ ނަމަ އެ ސަރަހައްދު ތަކުގައި ތިބި ސިފައިން ފައިބައިގެން ދިއުމެވެ.