ފިނިޕޭޖް

ހާވީ ވައިންސްޓީންގެ މައްސަލައަށް ބިނާކޮށްފައިވާ "ޝީ ސެޑް" އަށް ތައުރީފް

ނިއު ޔޯކް ފިލްމް ފެސްޓިވަލްގައި އިއްޔެ އެޅުވި "ޝީ ސެޑް" އަށް ގިނަ ކްރިޓިކްސްގެ ތައުރީފް ލިބިއްޖެއެވެ.

"ޝީ ސެޑް" އަކީ މަރިއްޔާ ޝްރާޑާ ޑައިރެކްޓްކޮށް، ކޭރީ މަލިގަން އާއި ޒޯއީ ކަޒާން މައި ރޯލް އަދާ ކުރާ ފިލްމެކެވެ.

މި ފިލްމް ބިނާކޮށްފައިވަނީ ހޮލީވުޑްގެ ޕްރޮޑިއުސަރު ހާވީ ވައިންސްޓީންގެ މައްސަލަ ފަޅާއަރުވާލި ދެ ޖާނަލިސްޓުން ކަމުގައިވާ މޭގަން ޓޫހީ އާއި ޖޯޑީ ކެންޓާ މި މައްސަލައާ ގުޅޭގޮތުން ނެރުނު ފޮތަށެވެ.

މި ފިލްމުގައި ހާވީ ވައިންސްޓީންގެ ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރި ގިނަ ތަރިންނާއި މުވައްޒަފުންނަށް ޖިންސީ ފުރައްސާރުކޮށް، ގަދަކަމުން ޖިންސީ ގުޅުން ހިންގާ އަދި ބިރުދައްކާފައިވާ މައްސަލަތައް ތަހުގީގުކުރާތަން ދައްކަ އެވެ. ބުރަ މަސައްކަތުން އެކި ހެކިން ހޯދާ، އެ ހެކިންގެ ބަޔާން ހޯދުމަށް އެއްބަސްކުރުވާ މަންޒަރު ދައްކަ އެވެ. އަދި މި މައްސަލަ ކުރިއަށް ދާއިރު، މި ދެ ޖާނަލިސްޓުންގެ ޒަވާޖީ ހަޔާތުގެ ކަންތައްތައްވެސް ދައްކަ އެވެ.

މި ދެ ޖާނަލިސްޓުންގެ މަސައްކަތުން #މީޓޫ މޫވްމަންޓް ފެށުނެވެ. އަދި ވައިންސްޓީންއަށް ދައުވާކޮށް 23 އަހަރުގެ ޖަލު ހުކުމެއް އިއްވާ، އިތުރު ދައުވާތައް އަދިވެސް ކުރިއަށް އެބަދެއެވެ.

މިފަދައިން ބޮޑެތި މައްސަލަތައް ފަޅާއަރުވާލި ޖާނަލިސްޓުންނަށް ބިނާކޮށް މީގެ ކުރިންވެސް ފިލްމްތައް ހަދާފައިވެ އެވެ. މިސާލަކަށް އެމެރިކާގެ ކުރީގެ ރައީސް ރިޗަޑް ނިކްސަންގެ ވޯޓާގޭޓް ފަޅާއަރުވާރި މައްސަލައަށް ބިނާކޮށް "އޯލް ދަ ޕްރެޒިޑެންޓްސް މެން" ހަދާފައިވާއިރު، އެމެރިކާގެ ފައްޅިތަކުގެ ފާދިރީން ކުޑަ ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރަމުންދާކަމާއި އިސް ފާދިރީން އެކަން ސިއްރުކޮށް އޮއްބާލަން މަސައްކަތް ކުރި ގޮތްތަކަށް ބިނާކޮށް "ސްޕޮޓްލައިޓް" ހަދާފައިވެ އެވެ.

ބައެއް ކްރިޓިކްސް އިން ބުނާ ގޮތުގައި މި ދެ ފިލްމް ހަދާފައިވަނީ މި ފަޅާއެރުވިތާ އަހަރުތަކެއް ފަހުން ކަމަށެވެ. އަދި ވައިންސްޓީންގެ މި މައްސަލަ މިހާރުވެސް ހިނގަމުންދާތީ، މި މައްސަލައިގެ ހުރިހާ ބައިތައް ފުރިހަމައަށް ގެނެސްދެވުމާމެދު ސުވާލު އުފެއްދިއެވެ.

މި ފިލްމް ބެލުމަށް ފަހު، ގިނަ ކްރިޓިކްސްއިން މި ފިލްމަށް ތައުރީފްކުރިއެވެ. "ޝީ ސެޑް" ގައި ވައިންސްޓީން ސީދާ ނުފެނި، އޭނާގެ އަމަލުތަކުން ވިކްޓިމްސްގެ ހިތުގައި ބިރު ފެތުރިފައިވާކަން ދޭހަކޮށްދޭކަމަށް ބުންޏެވެ. މި ފިލްމްގެ ފަހުކޮޅު ކޮންމެވެސް ވަރަކަށް އަސަރުކުޑަވެ، ފިލްމުގެ މެސެޖް ބަދަލުވާކަން އިހްސާސްކުރެވޭކަމަށް ބައެއް މީހުން ބުންޏެވެ. އެހެން ނަމަވެސް މި ފިލްމަކީ ބަލާލަން ރަނގަޅު، މޮޅު މެސެޖެއްދޭ ފިލްމެއްކަމަށް ގިނަ މީހުން ދެކި، ރޮޓަން ޓޮމާޓޯސްގައި 10 އަކުން އަށެއްގެ ރޭޓިންގ ލިބިފައިވެއެވެ.

"ޝީ ސެޑް" މިއަދު ބީއެފްއައި ލަންޑަން ފިލްމް ފެސްޓިވަލްގައި އަޅުވާއިރު، މި ފިލްމް އާންމުކޮށް ރިލީޒްކުރާނީ 18 ނޮވެމްބަރ 2022 ގައެވެ.