ފިނިޕޭޖް

ރޮބީ ކޮލްޓްރޭން 72 އަހަރުގައި މަރުވެއްޖެ

ސްކޮޓިޝް އެކްޓަރު ރޮބީ ކޮލްޓްރޭން އުމުރުން 72 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.

ރޮބީ ކޮލްޓްރޭންގެ އޭޖެންޓް ބެލިންޑާ ރައިޓް ބުނީ ރޮބީ ނިޔާވެފައިވަނީ ސްކޮޓްލެންޑްގެ ފޯލްކާކް ކައިރީގައިވާ ހޮސްޕިޓަލެއްގައި ކަމަށެވެ. ނަމަވެސް ނިޔާވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެންތަނީ ރޮބަޓް ކޮލްޓްރޭންގެ ގޮތުގައި އުފަންވި ރޮބީއަކީ ސްޓޭންޑްއަޕް ކޮމީޑިއަން އަކުން ގޮސް އެތަކެއް އަހަރުގެ ފިލްމް އަދި ޓީވީ ކެރިއަރެއް ދެމެހެއްޓި އެކްޓަރެކެވެ.

ރޮބީ އެންމެ މަޝްހޫރުކަން ހޯދާފައިވަނީ ހެރީ ޕޮޓާ ފިލްމް ފްރެންޗައިޒްގެ ހާފް-ޖަޔަންޓް ހެގްރިޑްގެ ރޯލުންނާއި "ކްރެކާ" ސީރީޒްގައި ކްރިމިނަލް ސައިކޮލޮޖިސްޓް ފިޓްޒް ފިޓްޒްޖެރަލްޑްގެ ރޯލުންނެވެ.

ރޮބީގެ ފާހަގަކޮށްލެވޭ ސީރީޒް އަދި ފިލްމްތަކުގެ ތެރޭގައި "ނަންސް އޮން ދަ ރަން"، "ދަ ޕޯޕް މަސްޓް ޑައި"، "ގޯލްޑަން އައި"، "ދަ ވޯލްޑް އިޒް ނޮޓް އިނަފް" ބޮންޑް ފިލްމްތައް، "ފްރޮމް ހެލް"، "އޯޝަންސް ޓްވެލްވް" ހިމެނެ އެވެ.

ރޮބީ މަރުވުމާ ގުޅިގެން ރޮބީއާ އެކު މަސައްކަތްކުރި އެކްޓަރުން ރޮބީގެ ހުނަރު ފާހަގަކޮށް ހިތާމައިގައި ބައިވެރިވެފައިވެ އެވެ.