ފިނިޕޭޖް

"ދަ ވޮޗާ" ބެލުންތެރިން ސިއްސުވާލާނެ

ރަޔާން މާފީ އާއި އަޔާން ބްރެނަން ހެދި "ދަ ވޮޗާ" ލިމިޓެޑް ސީރީޒް އަކީ ބެލުންތެރިން ސިއްސުވާލާނެ ސީރީޒެކެވެ.

ހަގީގީ ވާހަކައަކަށް ތައްޔާރުކޮށްފައިވާ މި ސީރީޒްގައި ލީޑް ރޯލް ކުޅެނީ ނައޯމީ ވޮޓްސް އާއި ބޮބީ ކެނެވާލް އެވެ.

މީގެ އިތުރުން ޖެނިފާ ކޫލިޖް، މިއާ ފެރޯ އަދި ކްރިސްޓޮފާ މެކްޑޮނަލްޑް ހިމެނެ އެވެ.

މި ސީރީޒް ވަނީ އޮކްޓޯބަރު 13، 2022ގައި ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށާފަ އެވެ.

ޑީން އަދި ނޯރާ ބްރެނޮކްގެ ދަރިންނާއެކު ތަނަވަސް މީހުން ދިރިއުޅޭ ވެސްޓްފީލްޑް، ނިއު ޖާޒީއަށް ބަދަލުވެ އެވެ. ދެން މި ދެމަފިރިންގެ ހުރިހާ ކަމެއް ބަލާ ކަމަށް ބުނެ "ދަ ވޮޗާ" ބިރުދައްކާ ނޯޓްތަކެއް ފޮނުވަން ފަށަ އެވެ. އެކި ފާޑުގެ ކަންތައްތައް އަވަށްޓެރިންނާވެސް ދިމާވެ އެވެ.

މިފަދަ ކަމަކީ ހަގީގަތެއް ކަމަށް ހީނުވިޔަސް 2014 ގައި ބްރޯޑަސް ފެމިލީ ތަޖުރިބާކުރި މި ހާދިސާ 2018 ގައި ދަ ކަޓްގައި ޝާއިއުކޮށްފައިވެ އެވެ. އަދި އެތައް އަހަރު ދުވަހެއްގެ ތަހުގީގަކަށްފަހުވެސް މިހާތަނަށް "ދަ ވޮޗާ" ހޯދިފައެއް ނުވެ އެވެ.

މި ހާދިސާއަށް ލައިފްޓައިމް އިން ވެސް 2016 ގައި "ދަ ވޮޗާ"ގެ ނަމުގައި ޓީވީ ފިލްމެއް ހަދާފައިވެ އެވެ.

މި ސީރީޒްއާ މެދު ކްރިޓިކްސްގެ މައިގަނޑު ހިޔާލަކީ އެކްޓިން ކިތަންމެ މޮޅު ނަމަވެސް، ހުށަހެޅުން އެހާ މޮޅު ނޫން ކަމުގަ އެވެ.

ކްރިޓިކްސްގެ ހިޔާލު ތަފާތުވެފައިވީ ނަމަވެސް ނެޓްފްލިކްސްގެ އެންމެ މަތީގައި މި ވަގުތު އުޅެނީ "ދަ ވޮޗާ" އެވެ.