މޯލްޑިވްސް ޕޮލިސް ސާވިސް

ފެންނަން ހުރީ އަޒްހާންގެ ކަށިތައް

ގެއްލިގެން ހޯދަމުންދިޔަ މުހައްމަދު އަޒުހާންގެ ހަށިގަނޑު ފެނުނުއިރު ކުނިވެ ކަށިތައް ފެންނަން ހުރި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، މުހައްމަދު އަޒުހާން (27އ) މަރާއި ގުޅޭ ގޮތުން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވީ އަޒްހާންގެ ކަށިތައް ކަމަށެވެ.

ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ ލިބިފައިވާކަން ފާހަގަކުރައްވާ ބަޝީރު ވިދާޅުވީ އަޒްހާނަށް ބޮޑެތި އަނިޔާތަކެއް ލިބިފަ ނެތްކަން އެނގޭ ކަމަށެވެ.

އަޒްހާންގެ ހަށިގަނޑު ފެނުނީ މިމަހުގެ ދެވަނަ ދުވަހު ހުޅުމާލޭ ވޯޓާ ތީމް ޕާކް ސަރަހައްދުން ނެވެ.

ބަޝީރު ވިދާޅުވީ ކާކުކަން ނޭނގޭ ވަރަށް އަޒުހާންގެ ހަށިގަނޑު ޑިކޮމްޕޮސްވެފައިވާ ކަމަށާއި ހަށިގަނޑު ފެނުނު ތަނުގައި އޮވެ ކުނިވީ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އަޒްހާން މަރުވީ މީހެއްގެ ފަރާތުންކަން މިވަގުތު އެނގެން ނެތް ކަމަށާއި އަޒްހާނުގެ މަރުގައި މީހެއްގެ ބައިވެރިވުން އޮތްތޯ އަދި މަރުވާން މެދުވެރިވި ސަބަބުން ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އަޒްހާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިޔައީ މިމަހުގެ އަށްވަނަ ދުވަހު އެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން އަޒްހާންގެ ހަބަރެއް އާއިލާއަށް ނުވި ނަމަވެސް ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ރޭ 7:00 ހާއިރު ކަމަށެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށް ފުލުހުން ބުނެ އެވެ. މި ދަނޑު އޮންނަނީ ހުޅުމާލެ އިން މާލެއަށް އައުމަށް ދަތުރުކުރާ ހުޅުމާލޭގެ ބޮޑު މަގަށްވާ ގޮތަށެވެ.

ފުލުހުންގެ ތަހުގީގަށް މިހާރު ވަނީ އަޒްހާންގެ ފޯން ހޯދާފަ އެވެ.