މަކީޓާ ބްރޭންޑްގެ ޕަވާ ޓޫލްސް ބޭނުންކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް "ހެއްޔާ މަކިޓާ މުބާރާތް 2022"ގެ ނަމުގައި އެސްޓީއޯ އިން ހާއްސަ މުބަރާތެއް އިންތިޒާމްކޮށްފި އެވެ.
މުޅިރާއްޖެއަށް ހުޅުވާލައިގެން އެއްމަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިކުރާ ތަކެތީގެ ވީޑިއޯއެއް ކޮންމެ ބައިވެރިޔަކު ވެސް ހުށަހަޅަން ޖެހެ އެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި މުބާރާތުގެ މަގުސަދަކީ އިހުޒަމާނުއްސުރެ ދިވެހިން ކުރަމުންގެންދާ ވަޑާމުގެ މަސައްކަތް އެއްތަނަކުން ދައްކާލައި ވީހާވެސް ގިނަ ދިވެހި ފަންނުވެރިންނަށް ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް މި މަހުގެ 23 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 10:00ގެ ކުރިން ހުށަހަޅަންޖެހެ އެވެ.
ރަޖިސްޓްރޭޝަން ފޯމް އެސްޓީއޯ މަކިޓާ ޝޯރޫމުން ލިބޭއިރު އެސްޓީއޯ ވެބްސައިޓުން ވެސް ފޯމު ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ. މުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާކުރުމަށާއި ހުށަހެޅުމަށް އެއްމަސް ދުވަހުގެ މުއްދަތެއް ލިބެ އެވެ. އައިޓަމް އަދި ވީޑިއޯ ހުށަހަޅަންޖެހޭ އަންނަ މަހުގެ 25 ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 ޖެހުމުގެ ކުރިންނެވެ.
މުބާރާތުގައި ބައިވެރި ކުރެވޭ އައިޓަމަކީ އެމީހެއްގެ އަމިއްލަ މަސައްކަތުން ފަރުމާކޮށްފައިވާ، މަކިޓާ ބްރޭންޑްގެ އާލާތް ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗަކަށް ވާންޖެހެ އެވެ. އަދި ބައިވެރިކުރާ އައިޓަމް ހުންނަން ޖެހެނީ އެންމެ ކުޑަވެގެން ދެ ފޫޓު ހަތަރު ފޫޓު އަދި އެންމެ ބޮޑުވެގެން ހަތަރު ފޫޓް ފަސް ފޫޓަށެވެ. ބައިވެރި ކުރާ ތަކެއްޗަކީ ބުދު ފަދަ އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ހުރުމަތް ކެނޑޭފަދަ ތަކެއްޗައް ވެގެން ނުވާނެ ކަމުގައިވެސް އެސްޓިއޯ އިން ބުންޏެވެ.
މުބާރާތުން އެއްވަނައަށްދާ މީހަކަށް 50،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސްގެ ވައުޗަރެއް ލިބެ އެވެ. ދެވަނައަށް ހޮވޭ ފަރާތަކަށް 30،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސްގެ ވައުޗަރެއް އަދި ތިންވަނައަށް ހޮވޭ މީހަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސްގެ 15،000 ރުފިޔާގެ އަގުހުރި ވައުޗަރެއް ލިބޭނެ އެވެ.
ހެއްޔާ މަކީޓާ ޕްރޮމޯޝަނާ ގުޅިގެން ބާއްވާ މިމުބާރާތަށް އިންސާފު ކުރުމުގައި ސޯޝަލް މީޑިއާގައި އާންމުން ލައިކްކުރާ ގޮތަށްވެސް ބަލަ އެވެ. މިމުބާރާތައް ހުށަހެޅޭ ވީޑިއޯތައް އެސްޓީއޯގެ ޕްރޮމޯޝަންތަކުގައި ބޭނުންކުރާނެ ކަމުގައިވެސް އެސްޓީއޯއިން ބުންޏެވެ.