ހައިކޯޓް

ފަނޑިޔާރު ޝުއައިބް ރިޓަޔާ ކުރެއްވުމަށް ނިންމަވައިފި

Oct 16, 2022
1

ހައިކޯޓުގެ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ ރިޓަޔާ ކުރައްވަން ނިންމަވައިފި އެެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަން ކުރައްވާފައިވާ ޝުއައިބް ރިޓަޔާ ކުރައްވަން އެދިވަޑައިގެން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ކަމަށް އެ ކޮމިޝަނުން ޔަގީންކޮށްދެ އެވެ.

އަވަސް އަށް މިރޭ މައުލޫމާތު ދެއްވަމުން ޖޭއެސްސީގެ ސެކްރެޓަރީ ޖެނަރަލް އިޒްމީރާ ޝިހާމް ވިދާޅުވީ ފަނޑިޔާރު ޝުއައިބް ރިޓަޔާ ކުރެއްވުމަށް އެދިވަޑައިގެން ކޮމިޝަނަށް ހުށަހެޅުއްވުމާ ގުޅިގެން ކޮމިޝަނުން އެކަން ބަލައިގެންފައިވާ ކަމަށެވެ. ނަމަވެސް ޝުއައިބް ރިޓަޔާ ކުރައްވާނެ ވަކި ދުވަހެއް ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.

"އަޅުގަނޑުމެން އެ ތާރީހުތައް ފަހުން މީޑިއާއާ ހިއްސާކުރާނަން،" އިޒްމީރާ ވިދާޅުވި އެވެ.

ޝުއައިބްގެ ތައާރަފް

ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަކީ ގަތަރުގެ ގަތަރު ޔުނިވަރސިޓީން ގާނޫނާއި ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ 1997 ވަނަ އަހަރު ހާސިލް ކުރެއްވުމަށްފަހު 2006 ވަނަ އަހަރު މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ.

ގދ. ހޯނޑެއްދު އަށް އުފަން ޝުއައިބް ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އޮފިސަރު ކަމާއި ހާއްސަ ގާޒީ ކަމާއި، އާއިލާއާ ބެހޭ ކޯޓުގެ ގާޒީކަމާއި، މަދަނީ ކޯޓާއި، ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޒީ ކަން ހިމެނެ އެވެ.

މީގެ އިތުރުން މަޖީދިއްޔާ ސްކޫލްގައި ކިޔަވައިދެއްވުމުގެ އިތުރުން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްއާ، ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގައި އެ މަނިކުފާނު ލެކްޗަރާއެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވި އެވެ.

ފަނޑިޔާރު ޝުއައިބް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކޮށް މަގާމުގެ ހުވާ ކުރައްވާފައިވަނީ މާޗް 26، 2011 ގައެވެ.