ރައްޔިތުންގެ މަޖިލިސް

ބައި-އިލެކްޝަންތަކާ ގުޅޭ އިސްލާހުތައް ބަލައިގެންފި

ކައުންސިލްތަކުގެ ބައި-އިލެކްޝަން ބާއްވާ މުއްދަތާ ގުޅޭ ގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފި އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ހުށަހެޅީ ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަތީ 59 މެންބަރުންގެ ވޯޓުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަތީ 58 މެންބަރުންގެ ވޯޓުންނެވެ. މި ދެ އިސްލާހު ވަނީ މިހާރު ދިރާސާކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފަ އެވެ.

މަޖިލީހަށް ބިލު ހުށަހަޅަމުން މެންބަރު މުހައްމަދު އަބްދުﷲ ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސްވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވަންޖެހޭ ބައި-އިލެކްޝަންތައް 60 ދުވަހުގެ ތެރޭގައި ބާއްވަންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާ ކަމަށެވެ. ކޮމިޓީތަކުގެ އުމުރުގެ ތެރޭގައި ތަކުރާރުކޮށް ގިނަ އަދަދަކަށް އެފަދަ ބައި އިލެކްޝަންތައް ބާއްވަން ޖެހޭތީ އޭގެ ސަބަބުން ހަރަދުތައް އިތުރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

އެހެންވެ އޭނާ ހުށަހެޅުއްވި އިސްލާހުގައިވަނީ ބައި-އިލެކްޝަންތައް ދެން ބާއްވާނީ ކައުންސިލެއްގެ ނުވަތަ ކޮމިޓީއެއްގެ ގޮނޑި ހުސްވިކަން އަންގާތާ ގިނަވެގެން 365 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް ކައުންސިލު ނުވަތަ ކޮމިޓީގެ ގާނޫނީ އަަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތުގައި 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހޭ ގޮތަށްވެސް އިސްލާހުގައި ހިމަނާފައިވެ އެވެ.