ބައެއް ކައުންސިލްތަކުން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަކީ މަސައްކަތު މީހުންގެ ދަރަޖައިން ދެކެވެމުން ދިޔަ ނަމަވެސް، ލާމަރުކަޒީ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން އެ ކޮމިޓީތަކުގެ މެންބަރުންގެ ދައުރާއި މަސްއޫލިއްޔަތު ސާފުވެގެންދާނެ ކަމަށް ޕީއެންސީއަށް ނިސްބަތްވާ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވިދާޅުވެއްޖެ އެވެ.
ސައުދާ މިހެން ވިދާޅުވީ އިދާރީ ދާއިރާތައް ލާމަޒރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭގޮތުން ވާހަަކަދައްކަވަމުންނެވެ.
ސަރުކާާރުން ވަނީ ރަށްތަކާއި ސިޓީތަކުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ސާފުކޮށްދީ، އެ ކޮމިޓީތައް ބާރުވެރިކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާފަ އެވެ. އަދި ކޮމިޓީގެ މެންބަރުންނަށް އެކަށީގެންވާ އުޖޫރައަކާއެކު ރަމަޟާން މަހުގެ އެލަވެންސް ދޭން ވެސް އިސްލާހުގައިވެ އެވެ.
ސައުދާގެ އިތުރުން އެހެން ބައެއް މެންބަރުން ވެސް މި ބިލަށް ތާއީދުކޮށް ވާހަކަ ދައްކަވާފައިވެ އެވެ.
ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންގެ އަޑުއައްސަވައި، ސިޔާސީ ބޭފުޅުންގެ ޚިޔާލު ހޯއްދަވައި، އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާ ރައީސެއް ކަން ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުން ޔަގީންވާ ކަމަށެވެ.
މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ވިދާޅުވީ ސަރުކާރުގެ އިސްލާހުތަކަކީ އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގެންދާނެ އިސްލާހުތަކެއް ކަމެކެވެ. އަދި މިއީ ކޮމިޓީތައް އުފެދުނީއްސުރެ ކޮމިޓީގެ މެންބަރުން އެދެމުން އައި ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހު ތަކަކީ ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ވަނީ ފާހަގަކުރައްވާފަ އެވެ.