މާލޭ ސިޓީ ކައުންސިލް

ހުއްދަ ނެތި ވިޔަފާރިކުރުމުން ސިޓީ ކައުންސިލް 10،000 ރުފިޔާ އިން ޖޫރިމަނާކޮށްފި

Oct 18, 2022
2

މާލެ ސިޓީ ކައުންސިލުން ކަމާ ގުޅޭ ހުއްދަތައް ނުނަގާ ފިހާރައެއް ހުޅުވައިގެން ތަފާތު ވައްތަރުގެ ގަހާއި ގަސްކާނާ ވިއްކުމާ ގުޅިގެން 10،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

މާލޭގެ ކާނިވާ ސަރަހައްދުގައި "މާލެ ފެހި"ގެ ނަމުގައި ސިޓީ ކައުންސިލުން ގަސް ވިއްކާ ފިހާރައެއް ހުޅުވީ މިމަހުގެ އަށްވަނަ ދުވަހު އެވެ.

އަވަސް އިން ސުވާލުކުރުމުން އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ހުއްދަ ނުނަގައި ފިހާރައެއް ހުޅުވައިގެން ގަސް ވިއްކުމާ ގުޅިގެން 10،000 ރުފިޔާ އިން މާލެ ސިޓީ ކައުންސިލް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށްވެސް އެބަހުރި ސިޓީ ކައުންސިލުން ގަސްވިއްކަން ފިހާރައެއް ހުޅުވުމުން ޝަކުވާ ލިބިފައި. އެކަމަކު ސިޓީ ކައުންސިލުން އެފަދަ ވިޔަފާރިއެއް ކުރަން މިނިސްޓްރީން ހުއްދަ ދީފައެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.

މާލޭގައި ގަސް ވިއްކުމުގެ ވިޔަފާރިއަކީ އާންމު ވަރަށް ގިނަ މީހުން ކުދި އަދި މެދު ފަންތީގެ ގިންތީގައި ހިމަނައިގެން ކުރަމުންދާ ވިޔަފާރިއެކެވެ. މިފަދަ ވިޔަފާރިއަކަށް ސިޓީ ކައުންސިލް ފަދަ ދައުލަތުގެ އިދާރާއަކުން ވަނުމުން އާންމު ރައްޔިތުންގެ ވިޔަފާރިއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެފަދަ ވިޔަފާރި ކުރާ ބައެއް މީހުން ބުނެ އެވެ.

"އަޅުގަނޑުމެން ކިހިނެއްތޯ މާލެ ސިޓީ ކައުންސިލް ކަހަލަ ބަޖެޓު ލިބިގެން ހިންގާ ބޮޑު އިދާރާއެއްގެ ވިޔަފާރިއާ ވާދަކުރާނީ. ސިޓީ ކައުންސިލުން ގަސް ފިހާރަ ހިންގަން ފެށުމާ އެކު އަޅުގަނޑުމެން މިކުރާ ގަސް ވިއްކުމުގެ ވިޔަފާރި ހަލާކުވާނެ،" މާލޭގައި ގަހާއި ގަސްކާނާ ވިއްކާ ފިހާރައެއްގެ ވެރިޔަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ވިޔަފާރި ކުންފުންޏެއް ރަޖިސްޓްރީ ކުރުމަށް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާފައިވާތާ އަށް މަސް ވެގެން ދިޔައިރު ހުއްދަ ނުދީ ތިބުމަށްފަހު ޖޫރިމަނާކުރި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. ކައުންސިލުން ގަސް ވިއްކަމުން ދިޔައީ އާންމު ފިހާރަތައް ހިންގާ އުސޫލުން ނޫން ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

ސިޓީ ކައުންސިލްގެ "މާލެ ފެހި" އައުޓްލެޓްގައި 25 ބާވަތެއްގެ ގަހާއި ގަސްހެއްދުމަށް ބޭނުންވާ އެކި ސާމާނު ލިބެން އެބަހުއްޓެވެ.