ރައީސް އޮފީސް

ޝަރަފުވެރިކަން 10 ބޭފުޅަކަށް ހިތްވަރުދިނުން 19 ބޭފުޅަކަށް

Oct 19, 2022

މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 19 ބޭފުޅަކަށާއި ތިން ފަރާތަކަށް ދިނުމަށް ނިންމަވައިފި އެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެކުލަވައިލެއްވި ގައުމީ އިނާމާ ބެހޭ ކޮމިޓީނެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ 10 ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅުންނަކީ މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

މިބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ދެއްވުން އޮންނާނީ މި އަހަރުގެ ގައުމީ އިނާމު ދެއްވުމަށް މާދަމާ ރޭ 8:30 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ދިވެހި ގައުމާ މުޚާތަބު ކުރައްވާނެ އެވެ.