މިނިސްޓްރީ އޮފް ހެލްތު

ތިން ރަށެއްގައި ހޮސްޕިޓަލް އަޅާނެ ބަޔަކު ހޯދަނީ

Oct 19, 2022
1

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އަޅަން ނިންމާފައިވާ ތިން ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފަށައިފި އެވެ.

ބަޔަކު ހޯދަނީ ހއ. ހޯރަފުއްޓާއި ރ. މީދޫ އަދި ބ. ތުޅާދޫގައި ހޮސްޕިޓަލް އެޅުމަށެވެ. މިރަށްތަކަށް ބަޔަކު ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް މަސައްކަތްތައް ކުރާނެ ގޮތުގެ މާބޮޑު ތަފްސީލެއް ކަމާ ގުޅޭ އިދާރާތަކުން ހާމައެއް ނުކުރެ އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ހޯރަފުށި ހޮސްޕިޓަލް އެޅުމަށް ފަސްލައްކަ ރުފިޔާ ހިމަނާފައިވާއިރު ތުޅާދޫ ހޮސްޕިޓަލް އެޅުމަށް ހިމަނާފައިވަނީ 4.4 މިލިއަން ރުފިޔާ އެވެ. އަދި މީދޫ ހޮސްޕިޓަލް އެޅުމަށް ހަ މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން 12 ރަށެއްގައި ޒަމާނީ ހޮސްޕިޓަލްތަކެއް އެޅުމަށް ނިންމާ އެރަށްތައް ވަނީ އިއުލާންކޮށްފަ އެވެ. މީގެތެރޭގައި ހިމެނެނީ ހއ. އިހަވަންދޫ، ހއ. ހޯރަފުށި، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ނ. ކެނދިކުޅުދޫ، ބ. ތުޅާދޫ، ފ. ނިލަންދޫ، ތ. ވިލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލީ އަދި ގދ. ގައްދޫ އެވެ.

މި ހުރިހާ ރަށެއްގައި ވެސް ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް އެއްވެސް ރަށެއްގައި އަމަލީ މަސައްކަތް އަދި ފަށާފައެއް ނުވެ އެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް އެޅުމަކީވެސް ރައީސް ސޯލިހްގެ ވައުދެކެވެ. މިވައުދު ފުއްދުމުގެ ގޮތުން ބައެއް ހޮސްޕިޓަލްތަކުގައި މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިންމާފަ އެވެ.