ކުޅިވަރު

ނަތީޖާތައް މާބޮޑަށް ދަށްވުމުން ޖެރާޑް ކޯޗުކަމުން ވަކިކޮށްފި

ކުޅުމާއި ނަތީޖާތައް މާބޮޑަށް ދަށްވުމުން ސްޓީވެން ޖެރާޑް އެސްޓަން ވިލާގެ ކޯޗުކަމުން ރޭ ވަކިކޮށްފި އެވެ.

ލީގުގައި ރޭ އެސްޓަން ވިލާ ވަނީ ރަށުން ބޭރުގައި ފުލަމްއާ ވާދަކުރި މެޗުން 0-3 އިން ބަލިވެފަ އެވެ. މި ސީޒަނުގައި ނެރެމުން އަންނަ ދަށް ނަތީޖާތަކާ އެކު އެސްޓަން ވިލާ މިވަގުތު އޮތީ ތާވަލުގެ 17 ވަނައިގަ އެވެ. 11 މެޗުން އެޓީމަށް ލިބުނީ ނުވަ ޕޮއިންޓެވެ.

ޖެރާޑް، 42، ވަކިކުރުރުމަށް ފަހު އެސްޓަން ވިލާ އިން ނެރުނު ބަޔާނުގައި ބުނީ ޖެރާޑް އެޓީމަށް ކޮށްދިން ހިދުމަތަށް ޝުކުރުއަދާކުރާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ޖެރާޑަށް ކާމިޔާބީ އެދޭ ކަމަށެވެ.

ޑީން ސުމިތު އެސްޓަން ވިލާގެ ކޯޗުކަމުން ވަކިކޮށް ޖެރާޑަށް އެ މަގާމް ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. މީގެ 11 މަސް ކުރިން ޖެރާޑް އެސްޓަން ވިލާގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ހުރީ ސްކޮޓްލެންޑުގެ ރޭންޖާސް ޓީމުގެ ކޯޗަށެވެ. ރޭންޖާސް ގައި ޖެރާޑް ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.

އިންގްލެންޑުގެ ކުރީގެ މިޑްފީލްޑަރު ޖެރާޑްގެ ކޯޗުކަމުގައި އެސްޓަން ވިލާ ކުޅުނު 40 މެޗުން ލިބުނީ 13 މޮޅެވެ. ނުވަ މެޗު އެއްވަރުވިއިރު 19 މެޗުން ވަނީ ބަލިވެފަ އެވެ. ކުޅުންތެރިން ގަންނަން ޖެރާޑް ވަނީ 90 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ. ޖެރާޑްގެ ކޯޗުކަމުގައި އެސްޓަން ވިލާ އަށް ގެނައި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ފިލިއްޕޭ ކުޓީނިއޯ އާއި ސެވިއްޔާގެ ޑިފެންޑަރު ޑިއޭގޯ ކާލޯސް އާއި ފްރާންސްގެ މިޑްފީލްޑަރު ބޯބަކާ ކަމާރާ ހިމެނެ އެވެ.

ފުލަމް އަތުން ބަލިވި މެޗަށް ފަހު ޖެރާޑް ބުނީ އެއް ފެންވަރެއްގައި ނުކުޅެވުމަކީ ދަށް ނަތީޖާ ކުރިމަތިވުމުގެ ސަބަބު ކަމަށެވެ.
"އެއްފެންވަރެއްގައި ނުކުޅެވުމުގެ އަސަރު ޓީމަށް ކުރި. މި ޓީމާ ހަވާލުވިއިރު ވެސް އޮތީ އެކަހަލަ ހާލަތެއްގައި. އެ ހާލަތުން އަރައިގަތުމަށް ވަރަށް މަސައްކަތްކޮށްފިން" ރޭގެ މެޗަށް ފަހު ޖެރާޑް ބުންޏެވެ.

ޖެރާޑްއާ އެކު ނަތީޖާތައް ދަށްވުމުން ރޭ ދަނޑުގައި ތިބި އެސްޓަން ވިލާގެ ސަޕޯޓަރުން ވަނީ އޭނާއާ ދެކޮޅަށް ޝުއޫރު ފާޅުކޮށްފަ އެވެ.

ލިވަޕޫލަށް 710 މެޗު ކުޅުނު ޖެރާޑް ކޯޗިންގެ ފުރަތަމަ މަސައްކަތް ރޭންޖާސްއާ އެކު ފެށީ 2018 ވަނަ އަހަރު އެވެ. އެޓީމުން 10 އަހަރަށް ފަހު ސްކޮޓިޝް ޕްރިމިއާޝިޕް ކާމިޔާބުކުރީ ޖެރާޑްގެ ކޯޗުކަމުގަ އެވެ. އޭގެކުރިން ޖެރާޑް ވަނީ 18-2017 ވަނަ ސީޒަނުގައި ލިވަޕޫލްގެ 18 އަހަރުން ދަށުގެ ޓީމަށް އިރުޝާދުދީފަ އެވެ.

ރޭގެ މެޗުގައި ފުލަމްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ 36 ވަނަ މިނެޓުގައި ހެރިސަން ރީޑް އެވެ. ދެވަނަ ހާފުގައި ފުލަމްގެ ދެވަނަ ގޯލު ލިބުނު ޕެނަލްޓީއަކުން ޖެހީ އަލެކްސަންޑަ މިޓްރޮވިޗް އެވެ. ފުލަމްގެ ފަހު ގޯލަކީ އެސްޓަން ވިލާގެ ޓައިރޯން މިންގްސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ފުލަމް އޮތީ ނުވަ ވަނައިގަ އެވެ.