ޑިފެންސް މިނިސްޓްރީ

ރައީސް އާއި އާއިލާ ބައިވެރިވި 543 ހަފްލާގެ ސެކިއުރިޓީ ބެލެހެއްޓި

Oct 22, 2022
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި އެމަނިކުފާނުގެ އާއިލާގެ މެންބަރުން މިދިޔަ އަހަރު ބައިވެރިވެވަޑައިގެންނެވި 543 ހަފްލާއެއްގެ ސަލާމަތީ ކަންކަން ބަލަހައްޓާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި ހަފުލާތަކާއި ރާއްޖެ އާއި ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގައި ސަލާމަތީ ކަންކަން ވަނީ ބަލަހައްޓާފަ އެވެ.

ރައީސް ސޯލިހްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސުންގެ ސަލާމަތީކަންކަން ބެލެހެއްޓި ގޮތުގެ ތަފުސީލުތައް ވަނީ ހާމަކޮށްފަ އެވެ.

މިދިޔަ އަހަރު ރައީސް ސޯލިހާއި އާއިލާގެ މެންބަރުންނަށް ސެކިއުރިޓީ ދިން ގޮތް

  • ރައީސް ސޯލިހާއި އާއިލާގެ ބޭފުޅުން ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތައް: 13
  • ރައީސް ސޯލިހާއި އާއިލާގެ ބޭފުޅުން އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުތައް: 12
  • ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވި ޖަލްސާތަކާއި ހަފްލާތައް: 210
  • ރައީސް ސޯލިހްގެ އާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އިވެންޓްތައް: 308

އަހަރީ ރިޕޯޓްގައި ވަނީ މިދިޔަ އަހަރު ރައީސްގެ ދަތުރުފުޅުތަކުގައި އަރިހުގައި ވަޑައިގަންނަވާ ސެކިއުރިޓީ އޮފިސަރުންނަށް އެރުވި ހަތިޔާރު އުފުލުމުގެ ވަގުތީ ހުއްދަތަކުގެ ތަފްސީލުވެސް ހާމަކޮށްފަ އެވެ.

ހަތިޔާރު އުފުލުމުގެ ވަގުތީ ހުއްދަތަކުގެ ތަފްސީލު

  • ރައީސްގެ ދެކަނބަލުން އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު - 2021 ސެޕްޓެމްބަރު 18 އިން 28 އަށް
  • ރައީސް ހދ. ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅު - 2021 އޮކްޓޫބަރު 23 އިން 24 އަށް
  • ރައީސްގެ ދެކަނބަލުން ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު - 2021 އޮކްޓޫބަރު 24 އިން 28 އަށް
  • ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު - 2021 ނޮވެމްބަރު އަށްވަނަ ދުވަހުން ނުވަ ވަނަ ދުވަހަށް
  • ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު - 2021 ޑިސެމްބަރު 29 އިން 2022 ޖަނަވަރީ ދެވަނަ ދުވަހަށް

ޑިފެންސް މިނިސްޓްރީން އާންމުކުރި އަހަރީ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު ނައިބް ރައީސް ފައިސަލް ނަސީމާއި އަނބިކަނބަލުން އަދި އާއިލާގެ މެންބަރުން އަތޮޅު ތެރެއަށް ކުރެއްވި ހަތް ދަތުރުފުޅެއް އަދި ރާއްޖެއިން ބޭރަށް ކުރެއްވި ދެ ދަތުރުފުޅެއްގެ ސަލާމަތީ ކަންކަން ބަލަހައްޓާފައިވެ އެވެ.

ޑިފެންސް މިނިސްޓްރީން ވަނީ ރައީސް ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމް އާއި ދައުލަތުގެ އިއްޒަތްތެރިން އަދި ރާއްޖެއިން ބޭރުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި އިވެންޓް ބާއްވާ ތަނާއި ސަރަހައްދު އަދި ދަތުރުކުރައްވާ އުޅަނދު ފަހަރު ޗެކް ކުރެވުނު ގޮތުގެ ތަފްސީލު ހާމަކޮށްފަ އެވެ.

އެގޮތުން ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވި 36 އިވެންޓާއި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވި 104 އިވެންޓެއްގެ އިތުރުން ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވި 149 އިވެންޓާއި ރާއްޖެއިން ބޭރުގެ އިއްޒަތްތެރިން ބައިވެރިވި 65 އިވެންޓެއް ސެކިއުރިޓީ ގޮތުން ޗެކްކުރެވުނު ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

މީގެއިތުރުން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ދެކަނބަލުން ކުރެއްވި ދެ ދަތުރުފުޅާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުން ރާއްޖެއިން ބޭރަށާއި އަތޮޅުތަކަށް ކުރެއްވި ފަސް ދަތުރުފުޅެއްގެ ސަލާމަތީ ކަންކަން ވަނީ ބަލަހައްޓާފަ އެވެ.