ދިވެހި ތާރީހުގައި ދިފާއީ ވުޒާރާ ހިންގުމުގެ މަތިވެރި ޒިންމާ ފުރަތަމަ ފަހަރަށް އަންހެން ވަޒީރަކާ ހަވާލުކުރައްވާ ދިވެހި އަންހެނުންނަށް ރައީސް ސޯލިހް ކުރައްވާ އިތުބާރާއި އިހްތިރާމް އަމަލުފުޅުން ސާބިތު ކޮށްދެއްވާފައިވާ ކަމަށް މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ 130 ވަނަ ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން "މިނިސްޓަރުގެ ގަލަންކޮޅުން" މި ނަމުގައި މިނިސްޓްރީ އޮފް ޑިފެންސުން އާންމުކޮށްފައިވާ ލިޔުމެއްގައެވެ.
މި ލިޔުމުގައި މިނިސްޓަރު މާރިޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސާލިހް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި އެމަނިކުފާނާ މަތިވެފައިވާ އެންމެ އިސް ވާޖިބަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމާއި އަމާން ސުލްހަވެރި މާހައުލެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުން ކަމަށް ވިދާޅުވެފައިވާކަން ފާހަގަ ކުރައްވާފައެވެ.
އަދި މިކަން ކަށަވަރު ކުރުމުގައި ދިވެހިރާއްޖޭގެ ދިފާއީ އައްޑަނަ ކަމަށްވާ ދިވެހި ސިފައިންގެ ފުރާނަ އާއި ނިންޖާއި އަރާމު ވަގުފްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ. ރައީސް ސާލިހްގެ އެންމެ އިސް ވާޖިބު ކަމަށްވާ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރަން މަތިކޮށްފައިވާ ދިފާއީ ވުޒާރާ ހިންގުމުގެ މަތިވެރި ޒިންމާ ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން ވަޒީރަކާ ހަވާލުކުރައްވާ ދިވެހި އަންހެނުންނަށް އެމަނިކުފާނު ކުރައްވާ އިތުބާރާއި އިހްތިރާމް އަމަލުފުޅުން ސާބިތުކޮށްދެއްވި ކަމަށްޓަކައި ގައުމުގެ ހުރިހާ އަންހެން ބޭފުޅުންގެ ނަމުގައި މިނިސްޓަރު މާރިޔާ ވަނީ ރައީސް ސޯލިހަށް ޝުކުރު އަދާކުރައްވާފަ އެވެ.
މިނިސްޓަރު ވަނީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސިފައިން ހޯދި ކާމިޔާބީތަކުގެ ފަހަތުގައިވަނީ ރައީސް ސޯލިހް ސިފައިންގެ ކަންކަމަށް ދެއްވާ ހާއްސަ އަހައްމިއްޔަތުކަން ޝުކުރުއާއެކީ ފާހަގަ ކުރައްވާ ކަމަށް ވެސް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފައެވެ. ސިފައިންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ގައުމުގެ އަމާންކަން - ސިފައިންގެ އަމާޒު" އެވެ.