ހަބަރު

"ސިޔާސީ ބޭނުމަށް ސިފައިން ދެން ނުކަނޑާނެ"

ވޭތުވެދިޔަ އަހަރުތަކުގައި ސިފައިން މާޔޫސްވި އެތައް ކަމެއް ހިނގައިގެން ދިޔަ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތަނުގައި ސިފައިންގެ ކަންކަން ހަރުދަނާކޮށް ސިޔާސީ ސަބަބުތަކާހުރެ ވަޒީފާއިން ވަކި ނުކުރެވޭނެ ކަމުގެ ޔަގީންކަން ހޯއްދަވައި ދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 127 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ މި ދިޔަ ފަސް އަހަރުގެ ތެރޭގައި ސިޔާސީ ސަބަބުތަކަށްޓަކައި ސިފައިގެ ގިނަ ބަޔަކު ވަޒީފާއިން ވަކިކުރި ކަމަށެވެ. އެމީހުން ޝަކުވާ ހިފައިގެން ދާނެ އަދުލުވެރި ނިޒާމެއް ސިފައިންގެ ތެރޭގައި ނެތް ކަމަށެވެ.

ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް އެކި އަމުރުތައް ކުރަމުން ދިޔަ ކަމަށާއި އެފަދަ އަމުރުތަކާ ގުޅޭ ގޮތުން ސުވާލެއް ކުރި މީހަކު ވިޔަސް ވަނީ ވަޒީފާއިން ވަކިކުރަމުން ދިޔަަ ކަމަށް މިރޭ އެކަމަނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭގެ ތެރޭގައި ސިފައިންނަށާއި ގައުމަށް އަގުހުރި އެތައް ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުން ވެސް ހިމެނި ވަޑައިގަންނަވާ ކަމަށެވެ.

"ދިވެހި ސިފައިން [އޭރު] ތިބީ ނާއުއްމީދާއި މާޔޫސްވެފައި. ވަޒީފާގެ ވެސް ޔަގީން ކަމެއް ނެތިފައި. އަޅުގަނޑުމެން މިހާރު މި ގެންދަނީ އެކަންކަމުގައި ވެސް ހަރުދަނާ އުސޫލުތަކެއް ލިޔެ ތަރުތީބު ކުރަމުން، ޝަކުވާ ބެލޭނެ ނިޒާމެއް ގާއިމު ކުރަމުން، ބޭނުމަކީ ބޮޑުން ހިތުހުރިހާ ގޮތަކަށް އެތައް ޒަމާނެއް ވަންދެން ރެއާއި ދުވާލު ހިދުމަތުގައި އުޅުއްވާ ސިފައިން ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކި ކުރެވޭނެ ފުރުސަތު ނުދިނުން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ސިފައިންގެ ކަންކަން ހަރުދަނާވެ، ސަފުތައް ބަދަހިވާނެ އޮނިގަނޑެއް ވެސް ތައާރަފް ކުރައްވާނެ ކަމަށެވެ.

މީގެ ކުރީ ސަރުކާރުން ސިފައިންނަށް ފްލެޓް ދިނުމަށް ފެށި ސިފްކޯ ފްލެޓްތަކުގެ މަޝްރޫއު ހުއްޓިފައި އޮތުމަކީ ސިފައިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުންގެ ގޮތުގައި މިނިސްޓަރު މާރިޔާ ސިފަ ކުރެއްވި އެވެ. އެ ފްލެޓްތަކަށް ޑައުންޕޭމަންޓް ދެއްކިތާ އެތައް ދުވަހެއްވެފައިވާއިރު، އޭގެ ސަބަބުން އެ ސިފައިން ދަރަނިވެރިވެފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

"ފްލެޓްތައް ހުއްޓިފައި ހުރުމުން ސިފައިން ތަހައްމަލު ކުރަމުން ދިޔަ ދަތިތަކަށް މާބޮޑު އަޅާލުމެއް ދީފައެއް ނެތް، އަޅުގަނޑު މިއަދު އުފަލާއެކު ފާހަގަ ކުރަން ރައީސް ސޯލިހުގެ ސަރުކާރުން ދަނީ ސިފްކޯ ފްލެޓްތައް އެޅުމުގެ މަސައްކަތް ބާރަށް ކުރައްވަމުން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ދިވެހި ސިފައިން އިތުރަށް ކުރިއެރުވައި ޒަމާނީ ކުރުމަށްޓަކައި އިތުރު ތަމްރީނު ފުރުސަތުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ. ސިފައިންގެ ވެލްފެއާގެ ކަންކަން ވެސް އިތުރަށް ފުޅާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ އަމާޒަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބި ޕްރޮފެޝަނަލް ސިފައިންގެ ފޯސްއެއް އުފެއްދުން ކަމަށެވެ. މި ގައުމު ހިމާއަތް ކުރާނެ ފުރިހަމަ ވަސީލަތް ލިބިފައިވާ ސިފައިންގެ ފޯސްއެއް ގާއިމް ކުރުން ކަމަށެވެ.