އެޓާނީ ޖެނެރަލް

ރާއްޖޭގެ ސަރަހައްދެއް ދޫކޮށްލާކަށް ނޫޅެން: އޭޖީ

މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ރާއްޖެ އޮތީ އެއްވެސް ތަނެއް ދޫކޮށްލާ ގޮތަށް ނޫން ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފި އެވެ.

ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މިހާރު ކުރިއަށް ދަނީ ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލަ އެކެވެ. އެ މައްސަލަ ހުށަހެޅީ މޮރިޝަސްގެ ފަރާތުންނެވެ.

"މި މައްސަލައިގެ ސްޑޭންޑެއް ބަދަލެއް ނުވޭ. ރާއްޖެއިން އެއްވެސް ތަނެއް ދޫކޮށްލާ ގޮތަކަށް ނޫން މި ތިބީކީ." އޭޖީ އޮފީހުން ބުނެފައިވެ އެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި ބަދަލުވީ އދ.ގައި ނަގާ ވޯޓިންގެ ސިޔާސަތެވެ. ޗާގޮސް އިސްތިއުމާރު ކޮށްގެން ތިބި ތިބުމާ ދެކޮޅަށް އދ.ގައި ރާއްޖެއިން ވޯޓު ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

"މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައި، އެކަން ރައީސް ސާލިހު ވަނީ ވިދާޅުވެފައި. އިޓްލޮސްގައި އޭޖީ ރިފްއަތު ފާހަގަކުރެއްވީ އެ ވާހަކަ. ޗާގޮސްއަކީ އެތަނުގެ އަސްލު ވަަޒަންވެރިންނަށް އަނބުރާ ލިބެންޖެހޭ ތަނެއްކަމަށް ރާއްޖެއިން ގަބޫލު ކުރޭ." އޭޖީގެ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސައިން ހަސަން ވިދާޅުވި އެވެ.

އިޓްލޮސްއަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭ ގޮތުން އޭޖީ އޮފީހުން ބުނީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ މުއާހަދާގެ ދަށުން މައްސަލަ މައުލޫއީ ގޮތުން އިޓްލޮސްއިން ބަލައި އެ މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ފުށުއަރާ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ ކަނޑައަޅާނެ ކަމަށެވެ.

ބައިނަލްއަގުވާމީ އުސޫލުތަކަށް ރިއާޔަތްކުރާއިރު އާންމު އުސޫލެއްގެ ގޮތުން މިފަދަ ބައުންޑަރީތައް ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުސޫލަށް ބިނާކޮށްގެން ނެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި އޭގެ ނަތީޖާއަކަށްވާނީ މުއާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ރާއްޖެއަށް އެ ސަރަހައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްގުތައް ލިބިގެން ދިއުމެވެ.