ކްރިމިނަލް ކޯޓް

ގެސްޓްހައުސްގައި ނިދާފައި އޮތް މީހާއަށް ހަމަލާ ދިން މީހާ ޝަރީއަތް ނިމެންދެން ބަންދަށް

Oct 23, 2022

މާލޭގެ ގެއެއްގައި ނިދާފައި އޮތް މީހަކަށް ހަމަލާދީ މާރާމާރީ ހިންގުމާ ގުޅިގެން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފި އެވެ.

މި މީހާގެ ބަންދަށް ކޯޓުން އެންމެ ފުރަތަމަ ދިނީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވާތީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.

މާލޭގެ ހިތްފަސޭހަ ގޯޅީގައި ހުރި ގެސްޓްހައުސްއެއްގައި މާރާމާރީ ހިންގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ މެންދަމު 2:38 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީފައިވަނީ ގެއެއްގެ ދޮރު ހަލާކުކޮށްލައިގެން އެ ގެއަށް ވަނުމަށްފަހު ތޫނު އެއްޗެއް ބޭނުންކޮށްގެންނެވެ. އަދި އަނިޔާވި ޒުވާނާއަށް އައިޖީއެމްއެޗްގެ ފަރުވާ ދީފައިވެ އެވެ.

މިއީ ދެ ގޭންގެއް ދެމެދުގައި މާރާމާރީ ހިންގުމަށްފަހު ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް މަންޒަރު ދުށް މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވެ އެވެ.