ރީބްރޯޑްކާސްޓިން ލައިސަންސް ދިނުމުގެ ގަވާއިދަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަހަރު ގެނައި އިސްލާހާ ގުޅިގެން ދިރާގު ޓީވީ ލައިސަންސް އާކުރުމުގެ ފުރުސަތު މިވަގުތު ބަންދުވެފައިވާތީ ދިރާގު ޓީވީގެ ހިދުމަތް ހުއްޓާލަން ޖެހިދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ދިރާގަށް ލައިސަންސް އާކުރެވޭނޭ ގޮތެއް ހޯދުމުގެ ގޮތުން އެކުންފުނިން އަންނަނީ ކަމާ ބެހޭ މުއައްސަސާތަކާ މަޝްވަރާކުރަމުންނެވެ.
މަޝްވަރާތަކުގެ ތެރެއިން ހައްލެއް ނުލިބިއްޖެނަމަ މިހާރު އާބާދީގެ ބޮޑު ބަޔަކަށް ދެމުން ގެންދާ ދިރާގު ޓީވީގެ ހިދުމަތުގެ ލައިސަންސްގެ މުއްދަތު އަންނަ އަހަރުގެ ޖެނުއަރީގައި ހަމަވުމާއިއެކު ހިދުމަތް ދިނުން ހުއްޓަލަން ޖެހިދާނެ ކަމަށް ދިރާގުން ބުނެ އެވެ.
ކުރު މުއްދަތެއްގެ ތެރޭގައި ދިރާގުން ވަނީ ދިރާގު ޓީވީގެ ހިދުމަތް ރަނގަޅު ފެންވަރެއްގައި އެއްވެސް ތަފާތު ކުރުމެއްނެތި ފޯރުކޮށްދީފަ އެވެ. މިގޮތުން
100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތައް އަލްޓްރާ ހައި ޑެފިނިޝަންގައި ރާއްޖޭގެ 90 ރަށަކަށް ދިރާގުން އަންނަނީ ފޯރުކޮށްދެމުންނެވެ.
ރީބްރޯޑްކާސްތް ކުރުމުގެ އާ ގަވައިދުގެ ދަށުން ރީބްރޯޑްކާސްޓް ކުރަން އެދޭ ފަރާތަކީ 100 އިންސައްތަ ދިވެހިން ހިއްސާވާ ކުންފުންޏަކަށް ވާން ޖެހެ އެވެ.
ދިރާގުގެ 52 އިންސައްތަ ހިއްސާ އޮންނަނީ ބީޓީސީ އައިލެންޑްސް ލިމިޓެޑް (ބަޓެލްކޯ) ގައެވެ. އަދި 41.8 އިންސައްތަ ހިއްސާ އަކީ ސަރުކާރުގެ ހިއްސާ އެވެ. ބާކީ 6.2 އިންސައްތަ ހިއްސާ އަކީ ދިވެހި ރައްޔިތުންގެ އަތުގައި އޮންނަ ހިއްސާ އެވެ.
ދިރާގާ ކަމާ ބެހޭ މުއައްސަސާތަކާއިއެކު ކުރިއަށްގެންދާ މަޝްވަރާތަކުގެ ނަތީޖާއަށް ބިނާކޮށް އިތުރު މައުލޫމާތު ކަސްޓަމަރުންނަށް ހިއްސާކުރާނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެ އެވެ.