ހަބަރު

އާ ޕްލާންޓުން ގަޑިއަކު 4،000 ފުޅި ފެން ހެދޭނެ: ފަޒުލް

ފަސް ލީޓަަރުގެ ފެންފުޅި އުފައްދާ ބޮޓެލިން ޕްލާންޓެއް ގާއިމުކޮށް އަންނަ މަހު ހިދުމަތް ފަށާނެ ކަމަށް އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް)އިން ބުނެފިއެވެ. މި ޕްލާންޓުން ގަޑިއަކު 4،000 ފެން ފުޅި އުފައްދަ އެވެ.

އަައިބީއެމް އަދި އެމްޑަބްލިޔުއެސްސީގެ ވެސް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވީ، ޑިމާންޑާ އެއްވަރަށް ފަސް ލީޓަރު "ތާޒާ" ފެން ފުޅި މިހާރު ނޫފެއްދޭ ކަމަށާއި އާ ޕްލާންޓެއް އިންސްޓޯލްކުރުމުގެ މަސައްކަތް ފެށީ އެހެންވެގެން ކަމަށެވެ.

ފަސް ލީޓަރުގެ ފެން ފުޅި އުފައްދަން މިހާރު ކުރާ މަސައްކަތުން އުފެއްދެނީ ގަޑިއިރަކު 2،500 ފުޅިއެވެ. ނަމަވެެސް އާ ޕްލާންޓް ގާއިމްވުމުން ގަޑިއިރަކު އެ ސައިޒުގެ 6،500 ފެން ފުޅި ދެ ޕްލާންޓުން އުފެއްދޭނެ އެވެ.

"މިހާރު ޕްލާންޓް ގެނެސް، ރޭވުމުގެ މަސައްކަތް މިކުރަނީ، އިރާދަކުރެއްވިޔާ މި އަންނަ މަހުގެ ނިޔަލަށް މަސައްކަތް ނިމޭނެ، ރާއްޖެއިން ބޭރުން އިންޖިނިއަރުން ގެނެސްގެން މަސައްކަތް ކުރަމުން މިދަނީ، މި އަންނަ މަހު އިރާދަކުރެއްވިޔާ ހިދުމަތް ދޭން ފަށޭނެ،" ފަޒުލް ވިދާޅުވިއެވެ.

"މި ފަސް ލީޓަރުގެ ލައިނަކީ ވެސް އަޅުގަނޑުމެންގެ ޑިވެލޮޕްމެންޓަށް އެޅިގެންދާ ވަރަށް ބޮޑު ބިންގަލެއް، އެމެޖެންސީ ހާލަތްތަކުގައި ހޫނު މޫސުމުގެ ސަބަބުން ފެންނަށް ޖެހުން ވެސް އެބަ ދިމާވޭ ދެއްތޯ، އެކަންކަން ހައްލުކުރުމަށް ވެސް މިކަމުގެ ސަބަބުން އެހީވެވޭނެ، ޕްލާންޓްގެ ސަބަބުން މާކެޓް އިތުރަށް ފުޅާވެގެން ދިޔައީ،" ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ އުތުރުގެ ހދ. ކުޅުދުއްފުށީގައި ވެސް ބޮޓަލިން ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުޅުދުއްފުށީގެ ބޮޓަލިން ޕްލާންޓްގެ ހިދުމަތް އަންނަ އަހަރުގެ ފުރަތަމަ ކްއާޓާގައި ދެވެނޭ ކަމަށާއި މިހާރު ކުރިޔަށް ދަނީ ޑިޒައިނިންގެ މަސައްކަތްތައް ކަމަށެވެ. އަދި ވިދާޅުވީ އެހެން އަތޮޅުތަކުގައި ވެސް ބޮޓަލިން ޕްލާންޓް ގާއިމުކުރަން ފީސިބިލިޓީ ހަދާނެ ކަމަށެވެ.

މާލޭގެ އިތުރުން ބޮޓަލިން ޕްލޭންޓެއް ދެން ހުންނަނީ ހުޅުމާލޭގައެވެ. ކުރިއަށް އޮތްތާ ގުޅީފަޅުގައި ވެސް އެ ކުންފުނީގެ ޕްލާންޓްތައް ބަހައްޓާނެ އެވެ.