ފިނިޕޭޖް

ލުވިސް ހެމިލްޓަން ފިލްމު ޕްރޮޑަކްޝަނަށް

ހަތް ފަހަރު ފޯމިއުލާ ވަން ޗެމްޕިއަންކަން ހޯދައި، ފޯމިއުލާ ވަން ރޭސް އެންމެ ގިނައިން ކާމިޔާބު ކުރުމުގެ ރިކޯޑް އޮތް މާސިޑިސް ރޭސާ ލުވިސް ހެމިލްޓަން، ފިލްމް އަދި ޓީވީ ޕްރޮޑަކްޝަނަށް މިސްރާބް ބަދަލުކޮށް، ޑޯން އެޕޯލޯ ފިލްމްސް އުފައްދައިފި އެވެ.

އުމުރުން 37 އަހަރުގެ ލުވިސް ބުނީ އޭނާ އަބަދުވެސް ފިލްމަށް ޝައުގުވެރިކަން ހުންނަ ކަމަށާއި ވަރަށް ގިނައިން ފިލްމު ބަލާ ކަމަށެވެ.

މިގޮތުން ލުވިސްގެ ހުވަފެން ކާމިޔާބުކުރަން އެކި ޕްރޮޑިއުސަރުންނާ ފިލްމު ހަދާފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު އޮޅުންފިލުވުމަށްފަހު، ޑޯން އެޕޯލޯ ފިލްމްސް އުފެއްދީ އެވެ.

ލުވިސް ބުނީ އޭނާގެ ކުންފުންޏަށް ނަން ކިޔާފައިވަނީ ފަތިހުގެ އަލިކަމާއެކު އާ ދުވަހަކާއި އާ ފެށުންތަކާއި އެކު ދުވަސް ފެށުމަށް ނިސްބަތް ކޮށްފައި ކަމަށެވެ.

"އަހަރެންނަށް ފިލްމު ވަނީ އެސްކޭޕަކަށް. އަހަރެން އިންސްޕަޔާވާ ވަރަށް ގިނަ ފިލްމް ހުރޭ. އަދި އެފަދަ ފިލްމެއް ހެދުމަކީ އަހަރެންގެ ހުވަފެނެއް. އަހަރެންނާ ވަރަށް ގިނައިން ކުރެވޭ ސުވާލަކީ އަހަރެން އެކްޓްކުރާނަންތޯ. އަހަރެންގެ ނަސީބު ރަނގަޅުކަމުން ފޯމިއުލާ 1 ރޭސާއަކަށް ވުމުން އެކްޓިންއާ ދިމާލަށް ދިއުމަށް ވަގުތެއް ނުވި. އެހެންނަމަވެސް ވާހަކައެއް ހުށަހެޅުމަކީ އަހަރެން ދެކޭ ހުވަފެނެއް،" ލުއިސް ބުނެފައިވެ އެވެ.

ލުވިސް ބުނީ އޭނާގެ ލަނޑުދަނޑިއަކީ އަސަރު ކުރާފަދަ ވާހަކަތަކެއް އުފައްދާ، ފިލްމު އަދި ވާހަކަ ހުށަހެޅުމުގެ ތެރެއިން މީހުންނަށް ހިތްވަރެއް ދިނުން ކަމަށެވެ. އަދި އިޖުތިމާއި އަސަރާއި މުޖުތަމައުގެ މައްސަލަތަކަށް ހާއްސަކަމެއް ދީގެން ކުރިއަށް ދިއުމަކީ ލުވިސްއަށް މުހިއްމު ކަމެއް ކަމުގައިވެސް ބުންޏެވެ.

ޑޯން އެޕޯލޯ ފިލްމްސް އިން އެޕަލްޓީވީ+ އާ ގުޅިގެން ދެ ޕްރޮޖެކްޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އެބަދެ އެވެ. އެތަނުން އެއް ޕްރޮޖެކްޓަކީ "ޓޮޕް ގަން: މެވްރިކް"ގެ ޑައިރެކްޓަރު ޖޯ ކޮސިންކީ ޑައިރެކްޓް ކުރާ ފޯމިއުލާ ވަން ރޭސިންއާ ބެހޭ ފިލްމެކެވެ. މި ފިލްމްގައި މުހިއްމު ބައި އަދާކުރާނީ ބްރެޑް ޕިޓެވެ.

ދެވަނަ ޕްރޮޖެކްޓަކީ ލުވިސްގެ ކެރިއާ އަށް ބިނާކުރާ ފީޗާ ޑޮކިއުމެންޓްރީ އެކެވެ.