ރައީސް އަބްދުﷲ ޔާމީން

މޮރިޝަސްއަށް ފޮނުވި ސިޓީ ހާމަކުރަންޖެހޭނެ: ޔާމީން

ފޯޅަވަހީގެ މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މޮރިޝަސްގެ ވެރިންނަށް 2019 އަހަރު ފޮނުއްވި ސިޓީ ރައްޔިތުންނަށް ހާމަކުރެއްވުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.

ޔާމީން މިކަމަށް ގޮވާލާފައިވަނީ ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަނަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދު ބެހުމުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މައްސަަލައިގެ ހަގީގަތް އެނގި ތިބެ ހަގީގަތާ ހިލާފު އެތައް ވާހަކައެއް ދައްކަވަމުންދާ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ އިދިކޮޅުން ހަދަނީ ދޮގު ކަމަށްވާނަމަ ރައީސް ސޯލިހް ދައްކަވާ ވާހަކަތައް ކަށަވަރުވާ ވަރަށް ހެކި ދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި 2019 ވަނަ އަހަރު މޮރިޝަސްއަށް ރައީސް ސޯލިހް ފޮނުއްވި ސިޓީ އާންމުކުރެއްވުމަށް ރައީސް ޔާމީން ތަކުރާރުކޮށް ގޮވާލެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދު ބެހުމުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އުފެދުނީ ރައީސް ސޯލިހް 2019ގައި މޮރިޝަސް އަށް ފޮނުއްވި ސިޓީއާ ގުޅިގެން ކަމަށެވެ. މި ސިޓީގެ މައުލޫމާތު ސަރުކާރު ހިންގާ ކޯލިޝަންގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ. ޔާމީން ވަނީ އޭރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމު ކޮބައިތޯ ވެސް ސުވާލު އުފައްދަވާފަ އެވެ.

"އޭރު ރައީސް ސޯލިހާ އެންމެ ގާތުން މަސައްކަތް ކުރެއްވި ދެ ބޭފުޅުންނަކީ ނާޒިމާއި ގާސިމު،" ޔާމީން ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްއެންޕީއަށް ކާމިޔާބު ކުރެވިއްޖެނަމަ ފޯޅަވަހީގެ މައްސަލައިގައި ގާނޫނީ ތަރަހައިގެ ތެރެއިން މަސައްކަތްކޮށް، ރާއްޖެއިން ބައެއް ނުގެއްލޭ ގޮތަށް އެ މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމުގައި އެމްއެންޕީގެ ރައީސް ނާޒިމު ވިދާޅުވެފައިވާތީ ޔާމީން ވަނީ އެކަމަށްވެސް ރައްދު ދެއްވާފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ ރިޔާސީ ހުވަފެނެއްގައި އުޅުއްވާ ބޭފުޅަކު ފޯޅަވަހި ގެއްލިއްޖެ ކަމަށާއި ތިމަންނަ ވެރިކަމަށް ގެނެސްފިނަމަ ފޯޅަވަހި ހޯދައިދޭނެ ކަމަށް ބުނި ނަމަވެސް އެކަން ކުރާނެ އެއްވެސް ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ބައިނަލްއަގުވާމީ ސިޔާސީ ވާހަކައެއް މިދައްކަނީ. ސިޔާސީ ގޮތުން ގެއްލިފައި އޮންނަ ބިމެއް އަޅުގަނޑުމެން ތަސައްރަފް ނުފުދިގެން ދޫކޮށްލާފައި އޮތް ބިމެއް، ދޫކޮށްލާފައި އޮތް ގައުމެއް އަނބުރާ ގެންނާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑުމެން އަތަކު ނެތް ރަޝިއާގައި ހުންނަ ހަނގުރާމަ ކުރުމުގެ ގާބިލް ކަމެއް،" ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެހުމުގައި ދިވެހި ސަރުކާރުން ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ އިތުރުން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ބައެއް ބޭފުޅުންވެސް ގެންދަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.