ގްރީން ފަންޑުން މިއަހަރުގެ އޮގަސްޓް މަހު ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 55.57 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އޮގަސްޓް މަހު ގްރީން ފަންޑުން ވަނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކާއި ކުނި ނައްތާލުމުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފަ އެވެ.
ގްރީން ފަންޑުން އޮގަސްޓް މަހު ވަނީ މަޝްރޫއުތަކަށް ޖުމްލަ 107.1 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
ނަރުދަމާ އާއި ފެނުގެ މަޝްރޫއުތައް ހިމެނޭ ގޮތަށް އޮގަސްޓް މަހު ގްރީން ފަންޑުން ވަނީ 36 މަޝްރޫއަކަށް ހޭދަކޮށްފަ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން އަށް ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ގްރީން ފަންޑުން އޮގަސްޓް މަހު ވަނީ 50.7 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
ގްރީން ފަންޑުން މިދިޔަ މަހު އެންމެ ބޮޑު ހޭދައެއް ކުރި މަޝްރޫއުތައް
- ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުން - 19.5 މިލިއަން ރުފިޔާ
- ރ. އިނގުރައިދޫ ފެނާއި ނަރުދަމާ މަޝްރޫއު - 11.7 މިލިއަން ރުފިޔާ
- ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުން - 8.48 މިލިއަން ރުފިޔާ
- ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުން - ހަތް މިލިއަން ރުފިޔާ
ގްރީން ފަންޑްގެ އޮގަސްޓްމަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޮގަސްޓް މަހު ގްރީން ފަންޑަށް 73 މިލިއަން ރުފިޔާ ލިބުނެވެ. އެއާއެކު އޮގަސްޓް މަހުގެ ނިޔަލަށް ގްރީން ފަންޑްގައި ހުރީ 849 މިލިއަން ރުފިޔާ އެވެ. ގްރީން ފަންޑުން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 539 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.