ޑރ. މުހައްމަދު މުއިއްޒު

އެއް ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއު ހިންގީ ފައިސާ ޗާޕްނުކޮށް: ރައީސް

ފައިސާ ޗާޕްނުކޮށް މި ސަރުކާރުން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ތަރައްގީގެ މަޝްރޫއު ހިންގާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް -- ޕީއެސްއައިޕީ މަޝްރޫއުތަކަށް ނިމިދިޔަ ސަރުކާރުން މިދިޔަ އަހަރުގެ މި މުއްދަތުގައި ދެ ބިލިއަން ރުފިޔާ ހޭދަކުރީ ލޯނު ނަގައިގެން ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އޭރު ހަގީގަތުގައި ހިންގިފައިވަނީ 900 ވަރަކަށް މިލިއަން ރުފިޔާގެ މަޝްރޫއު އެވެ.

"އަޅުގަނޑުމެން ލޯނު ނުނަގައި އޯވާޑްރާފްޓު ނުނަގައި 1.1 ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއު އެހެރީ ހިންގާފައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުތަކުން ފަށާފައިވާ މަޝްރޫއުތަކާއެކު 500 އަށްވުރެ ގިނަ މަޝްރޫއު ހުއްޓާނުލައި މި ސަރުކާރުން ކުރިއަށް ގެންދަނީ ފައިސާ ޗާޕްނުކޮށް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރު ނިމުނުއިރު ފެނާއި ނަރުދަމާގެ 27 މަޝްރޫއަކާއި ބަނދަރު ހެދުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 30 މަޝްރޫއެއް އޮތީ ހުއްޓިފަ އެވެ.

މީގެ އިތުރުން މިސްކިތް ބިނާކުރުމުގެ 20 މަޝްރޫއަކާއި އެއާޕޯޓް ތަރައްގީކުރުމުގެ ހަތް މަޝްރޫއެއްގެ އިތުރުން 11 ރަށެއްގައި ބޯހިޔާވަހިކަމުގެ 220 މަޝްރޫއެއްގެ މަސައްކަތް އޮތީ ހުއްޓިފަ ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ގައުމު ހިންގާނީ ފައިސާ ޗާޕްނުކޮށް ލިބޭ އާމްދަނީއަކުން ކަމަށެވެ.