ގްރީން ޓެކްސް

ޖެނުއަރީ މަހު ގްރީން ފަންޑުން ހޭދަކުރީ 138،000 ރުފިޔާ

ގްރީން ޓެކުހުގެ ފައިސާ ޖަމާވާ ގްރީން ފަންޑުން މިއަހަރުގެ ޖެނުއަރީ މަހު ހޭދަކޮށްފައިވަނީ 138،907.8 ރުފިޔާކަން ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ ފާއިތުވި ހަ އަހަރުގެ ތެރޭގައި ގްރީން ފަންޑުން އެއް މަހެއްގައި އެންމެ މަދުން ހޭދަކުރި މަހެވެ.

ގްރީން ފަންޑުން މިއަހަރުގެ ޖެނުއަރީ މަހު ހޭދަކޮށްފައިވަނީ ހަތަރު މަޝްރޫއަކަށެވެ.

ގްރީން ފަންޑުގެ ޖެނުއަރީ މަހުގެ ރިޕޯޓް ދައްކާ ގޮތުން އެ ފަންޑަށް ޖެނުއަރީ މަހު 99.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޖެނުއަރީ މަސް ނިމުނުއިރު ގްރީން ފަންޑް 1.2 ބިލިއަން ރުފިޔާއަށް އަރާކަން ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ގްރީން ފަންޑަށް ޖެނުއަރީ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ކ. އަތޮޅުންނެވެ.

ކ. އަތޮޅުން ގްރީން ފަންޑަށް 32 މިލިއަން ރުފިޔާ ލިބުނުއިރު ރ. އަތޮޅުން 9.7 މިލިއަން ރުފިޔާ އަދި އދ. އަތޮޅުން ގްރީން ފަންޑަށް ޖެނުއަރީ މަހު 9.3 މިލިއަން ރުފިޔާ ލިބުނެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.

ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.