ގްރީން ފަންޑުން މިއަހަރު ސެޕްޓެންބަރު މަހުގެ ނިޔަލަށް 465 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ގްރީން ފަންޑުން 465 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ފަންޑުން ކުރި ހޭދައަށްވުރެ 106.6 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ގްރީން ފަންޑުން މިދިޔަ އަހަރުގެ މި މުއްދަތުގައި 572.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ގްރީން ފަންޑުގެ ހަރަދު މަހުން މަހަށް
- ޖެނުއަރީ - 74.5 މިލިއަން ރުފިޔާ
- ފެބްރުއަރީ - 66 މިލިއަން ރުފިޔާ
- މާޗް - 77.4 މިލިއަން ރުފިޔާ
- އޭޕްރިލް - 35.9 މިލިއަން ރުފިޔާ
- މެއި - 7.6 މިލިއަން ރުފިޔާ
- ޖޫން - 26.2 މިލިއަން ރުފިޔާ
- ޖުލައި - 69.9 މިލިއަން ރުފިޔާ
- އޮގަސްޓު - 78.2 މިލިއަން ރުފިިޔާ
- ސެޕްޓެންބަރު - 29.5 މިލިއަން ރުފިޔާ
ގްރީން ފަންޑުން ސެޕްޓެންބަރު މަހު ހިންގި މަޝްރޫއުތަކުގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ އިތުރުން ކުނި ނައްތާލުމުގެ މަޝްރޫއުތައް ހިމެނެ އެވެ.
ގްރީން ފަންޑަށް ސެޕްޓެންބަރު މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ކ. އަތޮޅުންނެވެ.
ކ. އަތޮޅުން ގްރީން ފަންޑަށް ސެޕްޓެންބަރު މަހު 19.6 މިލިއަން ރުފިޔާ ލިބުނުއިރު ފަންޑަށް ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އދ. އަތޮޅުންނެވެ. އެ އަތޮޅުން ގްރީން ފަންޑަށް 8.3 މިލިއަން ރުފިޔާ ލިބުނެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.
ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.