ގްރީން ޓެކްސް

ގްރީން ޓެކުހުގެ ގޮތުގައި 773 މިލިއަން ރުފިޔާ

ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް މިއަހަރުގެ މިހާތަނަށް 773 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު އިތުރުވެފަ އެވެ. ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނީ 767 މިލިއަން ރުފިޔާ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް މިއަހަރު އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުން ލިބުނު 773 މިލިއަން ރުފިޔާއާއެކު ގްރީން ޓެކުހުން މިއަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީގެ 74 ޕަސަންޓް ވަނީ ހާސިލުވެފަ އެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.

ގްރީން ޓެކުހުން ލިބޭ އާމްދަނީ އިން ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ކުނި މެނޭޖުކުރުމުގެ މަޝްރޫއުތަކުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ހިމެނެ އެވެ.

ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.