ހަބަރު

ޖޫން މަހު ގްރީން ފަނޑުން 37 މިލިއަން ރުފިޔާ ހޭދަކޮށްފި

Aug 1, 2019

ގްރީން ޓެކުހުގެ ފައިސާ ޖަމާވާ "ގްރީން ފަންޑުން" ތަފާތު 22 މަޝްރޫއެއް ހިންގަން ޖޫން މަހު 37 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާއްމުކޮށްފައިވާ ޖޫން މަހުގެ ގްރީން ފަންޑު ރިޕޯޓަށް ބަލާއިރު، އެ މަހު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެކި ރަށްރަށުގައި ނަރުދަމާގެ ނިޒާމް ގާއިމުކުރުމަށެވެ. އެގޮތުން ތަފާތު 11 ރަށެއްގައި ނަރުދަމާ އެޅުމަށް 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެ ފަންޑުން ހަރަދުކޮށްގެން ހިންގި ވަކި ވަކި މަޝްރޫއުތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އއ. ރަސްދޫގައި އާރުއޯ ޕްލާންޓެއް ގާއިމުކުރުމަށެވެ. އެ މަޝްރޫއުއަށް 7.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

"ގްރީން ފަންޑު" ހަދައި މި ފަންޑަށް ފައިސާ ޖަމާ ކުރަން ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. އެގޮތުން، ޖޫން މަހު ގްރީން ޓެކްސްގެ ގޮތުގައި 56 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއާއެކު، އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާހަމައަށް ގްރީން ޓެކްސްގެ ގޮތުގައި އެ ފަންޑަށް ޖުމްލަ 458 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ.

ނަމަވެސް، ޖޫން މަހުގެ ނިޔަލަށް 153 މިލިއަން ރުފިޔާ އެ ފަންޑުން ހަރަދުކޮށްފައިވާއިރު، ބާކީ 305 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަތްނުލާ އެބަހުރިކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ކުރީގައި އަމަލުކުރަމުންއައި ގޮތާ ހިލާފަށް، ގްރީން ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ ހާއްސަކުރާނީ ތިމާވެއްޓާ ގުޅޭ މަޝްރޫއުތައް ހިންގަންކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.