ގްރީން ޓެކްސް

ފާފުން ގްރީން ޓެކުހަށް އެއްރުފިޔާވެސް ނުލިބޭ!

މި އަހަރު ފެށުނު ފަހުން ގްރީން ޓެކުހުގެ އާމްދަނީ ނުލިބި އޮތް ހަމައެކަނި އަތޮޅަކީ ފ. އަތޮޅެވެ.

ފިނޭންސް މިނިސްޓްރީގެ ގްރީން ފަންޑު ރިޕޯޓް ދައްކާ ގޮތުން ޓޫރިޒަމް ސިޔާއަތަށް އަންނަ ޓޫރިސްޓުންގެ އަތުން ނަގާ ގްރީން ޓެކުހުގެ ގޮތުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް ކޮންމެ ވެސް އަދަދެއް ވަނީ ލިބިފަ އެވެ. ބައެއް އަތޮޅުތަކުން ހަމައެކަނި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ލިބުނުއިރު ގިނަ އަތޮޅުތަކުގައި ލިބިފައި ހުރީ ރިސޯޓުތަކުންނެވެ. ނަމަވެސް ފ. އަތޮޅުން އެންމެ ރުފިޔާއެއް ވެސް މި ފަންޑަށް ލިބިފައެއް ނުވެ އެވެ.

ފ. އަތޮޅަކީ ރާއްޖޭގައި ޓޫރިސްޓު އެނދުތައް މަދު އެއް އަތޮޅެވެ. ނަމަވެސް މިހާރު ވެސް ފ. އަތޮޅުގައި ބައެއް ރިސޯޓު އަދި ގެސްޓްހައުސްތައް ދަނީ ހިންގަމުންނެވެ. މިހާރު ހިންގަމުން ގެންދާ އެއް ރިސޯޓަކީ މި ސަރުކާރުގައި ހިމެނޭ ބޭފުޅުންކޮޅެއްގެ ހިއްސާއެއް އޮންނަ ފ. ފިލިތެޔޮ ރިސޯޓެވެ. މީގެ އިތުރުން ބުކިން ޑޮޓްކޮމް ދައްކާ ގޮތުން ފ. މަގޫދޫގައި ގެސްޓްހައުސް ތަކެއް ވެސް ހިންގަމުންދެ އެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ނިލަދޫގައި ވެސް 14 ކޮޓަރީގެ ގެސްޓްހައުސްއެއް ހިންގަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މާލެ އަތޮޅުންނެވެ. އެންމެ ގިނަ ޓޫރިޒަމް ޕްރޮޕަޓީ ހުރި މި އަތޮޅުން 32 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ ގެސްޓްހައުސްތަކުން ލިބުނު 718,169.27ރ. އާއި ރިސޯޓްތަކުން ލިބުނު 31 މިލިއަން ރުފިޔާ އެވެ.

ގްރީން ޓެކްސް ނަގަން ފެށީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތް ތަކަށް ފައިސާ ހޯދާށެވެ. މި ފަންޑަށް ޖަމާވި ފައިސާގެ އަދަދު މިހާތަނަށް ތިން ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ. ނަމަވެސް މި ފައިސާ ހޭދަ ކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތުމުން މިހާތަނަށް ކުނީގެ މައްސަލަ ހައްލު ކުރަން މި ފައިސާ ރަނގަަޅަށް ހޭދަ ކުރަމުން ގެންގޮސްފައެއް ނުވެ އެވެ.